މ. ކޮޅުފުށީގައި ކޮވިޑް19 ފެތުރެމުންދާތީ އަތޮޅު އަދި ރަށު ފެންވަރުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފި!

މ. ކޮޅުފުށީ ބައެއް މީހުން ކޮވިޑް 19 އަށް ފައްސިވުމާގުޅިގެން އަތޮޅު އަދި ރަށު ފެންވަރުގައި އަޅާނެ ފިޔަވަޅުތަކާ ބެހޭގޮތުން އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްތައް ހިމެނޭގޮތަށް  2021 ޖަނަވަރީ 27 ވަނަ ދުވަހު ކުރެވުމު މަޝްވަރާތަކުގެ އަލީގައި އަންނަނިވި  ފިޔަވަޅުތައް އަތޮޅު ފެންވަރުގައި އެޅުމަށް އަތޮޅުކައުންސިލުން ނިންމާ މިއަދު އެކަން ރަށުކައުންސިލްތަކާ ޚިއްޞާކޮށްފިއެވެ.

1- ޒަރޫރީ ބޭނުންތަކަށް ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިވަގުތަށް މަޑުޖައްސާލުން.

ނޯޓް: ކޮންމެހެން ކުރަންޖެހޭ ދަތުރުތައް އެރަށެއްގެ ރަށު ކައުންސިލްގެ ލަފަޔާއެއްގޮތަށް ކުރުން.

2- މާލެއާއި، އެހެނިހެން ރަށްރަށުން މުދާހިފައިގެން އަންނަ އުޅަދުފަހަރަށް ޒިޔާރަތްކުރާއިރު މާސްކްއެޅުން ފަދަ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުން.

3- ބޭރު ރަށްރަށުން އަތޮޅުގެ ރަށްރަށަށް ޒިޔާރަތްކުރާ ފަރާތްތައް ރަށުތެރެއަށް ދާނަމަ މާސްކް އެޅުން ފަދަ ރައްކައުތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކުރުން.

4- އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ އުޅަދުފަހަރުގެ ފަޅުވެރިންނާއި، ފަސިންޖަރުން މާސްކްއެޅުން ފަދަ އެންމެހާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުން.

5- މާލެއިން އަތޮޅަށް އަދި އަތޮޅުން މާލެއަށް ދަތުރުކުރާ އުޅަނދުފަހަރުގެ ފަޅުވެރިންނާއި، ފަސިންޖަރުން މާސްކް އަޅައިގެން ތިބުމާއި ގައިދުރުކަން ބެހެއްޓުން އަދި ކަރަންޓީންވާންޖެހޭ ފަރާތްތަކަށް ވަކިޝީޓްތަކެއް ޚާއްޞަކުރުރުން.

6- މާލެ އާއި ކޮވިޑްގެ ބަލިމީހުންތިބި އެއްވެސް ރަށަކަށް އަތޮޅުން ދަތުރުކުރާ ފަރާތްތައް އެރަށަކަށް ނުފައިބާކަން ކަށަވަރުކުރުމާއި، ކޮންމެހެން ފައިބާންޖެހޭ ފަރާތްތައް އެޗްޕީއޭއިން އެކަމަށް ކަނޑައަޅާފައިވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުން.

7- ފަސިންޖަރުން އުފުލާ އުޅަނދުފަހަރުތައް ދަތުރު ނިމުމުން ޑިސްއިންފެކްޓް ކުރުން.

8- ކޮވިޑް19 ގެ ހާލަތު އޮތް އެއްވެސް ރަށަކަށް ދަތުރުކުރާ އުޅަނދަކުން އެއްވެސް ފަޅުވެރިއަކު ނުވަތަ ފަސިންޖަރަކު އެޗްޕީއޭގެ އިރުޝާދު ތަކާއި ޚިލާފަށް އެރަށަކަށް ފައިބައިފިނަމަ ކަމާބެހޭފަރާތްތަކަށް ވަގުތުން އެންގުން.

9- އެކިއެކި ބޭނުންތަކަށް ރަށުގެ ބަނދަރަށް ވަންނަ އުޅަނދުފަހަރުން ރަށްރަށަށް މީހުން ފައިބަނީ އެރަށެއްގެ ކައުންސިލުން އަންގާ ގޮތެއްގެމަތީންކަން ކަށަވަރުކުރުން.

10- ރަށުތެރޭގައި ރޯގާއެއް ފެތުރޭކަން ފާހަގަވާނަމަ އެރަށެއްގެ ޞިއްޙީމަރުކަޒުން އެކަމެއް ވަގުތުން ވަގުތަށް ކަމާބެހޭ ފަރާތްތަކަށް އެންގުން.

11- މިއުސޫލުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ އެކެމަކާމެދު އަތޮޅު ކައުންސިލާއި ރަށުކައުންސިލްތައް މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމުން.

މަތީގައިވާ ފިޔަވަޅުތައް އަތޮޅު ފެންވަރުގައި ވަގުތުން ވަގުތައް ތަންފީޒުކުރުމަށް އެ ފިޔަވަޅުތަކުގެ މަޢުލޫމާތު ކަމާބެހޭ އެއްމެހާ ފަރާތްތަކާ ޚިއްޞާކުރެވުނެވެ.

މީގެ އިތުރުން ރަށުފެންވަރުގައި އަންނަނިވި ފިޔަވަޅުތައް އެޅުމަށް ރަށުކައުންސިލްތަކަށް ވަނީ އިރުޝާދުދެވިފައެވެ.

1- ޢާއްމު އެއްވުންތައް ވީހާވެސް މަދުކުރުމަށާއި، ޢިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދިނުން.

2-  ހުރިހާ ފަރާތްތަކަކުންވެސް ބޭރުގައުޅޭ ވަގުތުތަކުގެ އިތުރުން މުއައްސަތަކުން ޚިދުމަތް ހޯދާވަގުތުގައިވެސް މާސްކް އަޅައިގެން ތިބުން.

3- ހައިރިސްކް މީހުން، އުމުރުން ދުވަސްވީމީހުން، މާބަނޑުމީހުން އަދި ކުޑަކުދިން ވީހާވެސް ގިނަވަގުތު ގޭގައި ތިބުމަށް ބާރުއެޅުމާއި ގޭގައި ދިރިއުޅޭ ފަރާތްތަކުން ބޭރުން އަތުވެއްޖެނަމަ ސާފުތާހިރުވުމަށްފަހު ނޫނީ  އެ ފަރާތްތަކާ ބައްދަލު ނުކުރުން.

4- ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތަކުން ރަށުގެ ޞިއްޚީ މަރުކަޒަށް ދިއުމުގެ ކުރިން އެފަރާތަށް ގުޅާ މަޢުލޫމާތު ޚިއްޞާކުރުން 5- ރޯގާގެ އަލާމަތްތައް ހުންނަފަރާތްތަކުން މިސްކިތްތަކަށް ނުދިއުމަށާއި، ހޮޓާ، ރެސްޓޯރަންޓް، ފިހާރަ އަދި އިޖްތިމާޢީ ގޮތުން އެއްވާ ތަންތަނަށް ނުދިއުމަށް ބާރުއެޅުން.

6- އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަންދީ ގިނަގިނައިން އަތްދޮވުމަށް އާދަކުރުން.

7- މަގުތަކާއި ޢާއްމު ތަންތަނުގެ ސާފުތާހިރުކަމަށް ސަމާލުކަންދިނުން.

8- މަތީގައިވާ އުސޫލުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ރައްޔިތުނަށްއަންގާ އިރުޝާދުދިނުން.

ނޯޓް: މަތީގައިވާ ފިޔަވަޅުތަކުގެ އިތުރުން އެރަށެއްގެ ހާލަތަށް ރިޢާއަތްކޮށް އެރަށެއްގެ ކައުންސިލަށް ފެންނަ ފިޔަވަޅުތައް އެޅުން.

މަތީގައިވާ އިރުޝާދުތައްވަނީ މިއަދު ރަށުކައުންސިލްތަކާ ޚިއްޞާކުރެވިފައެވެ.