މުލަކަތޮޅުގެ ތަޢާރަފް

ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ ދެކުނުން ގާތްގަނޑަކަށް 70 ވަރަކަށް މޭލު ދުރުގައި، ރާއްޖޭގެ އިރުމަތީ ބިތުގައި، ފެލިދެ އަތޮޅާއި ކޮޅުމަޑުލާއި ދެމެދުގައި އޮންނަ މުލަކަތޮޅު ނުވަތަ މ. އަތޮޅަކީ، މީހުން ދިރިއުޅޭ 08 ރަށާއި، މީހުން ދިރިނޫޅޭ 10 ފަޅުރަށާއި 02 ރިޒޯޓުގެ އިތުރުން އަލަށް ރިޒޯޓްގެގޮތުގައި ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 12ފަޅުރަށާއި، އިންޑަސްޓްރިއަލް 03 ރަށާ އެކު ޖުމްލަ 35 ރަށް ހިމެނޭ އަތޮޅެކެވެ. އަދި މި އަތޮޅަކީ ރާއްޖޭގެ ނިސްބަތުންވެސް ފާހަގަ ކޮށްލެވޭފަދަ ބޮޑު ދެފަރު އެކުލެވިފައިވާ އަތޮޅެއްވެސް މެއެވެ. މިހާރު މިއަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށަކީ:

1- ރަތްމަންދޫ
2- ވޭވަށް
3- މުލައް
4- މުލި
5- ނާލާފުށި
6- ކޮޅުފުށި
7- ދިއްގަރު
8- މަޑުއްވަރި
މ. އަތޮޅުގެ ޖުމްލަ އާބާދީއަކީ 7533 މީހުންނެވެ. އޭގެ ތެރެއިން 3862 މީހުންނަކީ ފިރިހެނުންނެވެ. އަންހެނުންގެ ޖުމްލައަކީ 3671 އެވެ. 65 އަހަރުން މަތީ މީހުންގެ ޢަދަދަކީ 445 އެވެ. އަދި 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންގެ ޢަދަދަކީ 2850 އެވެ. މިއަތޮޅުގެ ސްކޫލްތަކުގައި ކިޔަވާކުދިން ޖުމްލަ އާބާދީއަކީ 1247 އެވެ. އޭގެ 638 އަކީ ފިރިހެން ކުދިންނެވެ. އަދި 609 އަކީ އަންހެންކުދިންނެވެ. މިއަތޮޅަކީ މަސްވެރިކަމާއިފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކާއި، ފައިބަރ މަސައްކަތްކުރުމާއި، ކުދި އަދި މެދުފަންތީގެ އެކިއެކި ވިޔަފާރިއާއި، މިނޫނަސް ތަފާތު އެކިއެކި މަސައްކަތްކުރާ އާބާދީއެއް އޮންނަ އަތޮޅެކެވެ. އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ 127 މީހުން އުޅޭއިރު، މަސްވެރިކަމާއި ދަނޑުވެރިކަންކުރާ ޖުމްލަ 611 މީހުން އުޅެއެވެ. އަދި ފައިބަރ މަސައްކަތްކުރާ މީހުންގެ ޢަދަދަކީ 49 އެވެ. އަދި ކޮންސްޓްރަކްޝަން މަސައްކަތްކުރާ 55 މީހުން އުޅެއެވެ. ތަފާތު އެކިއެކި ބޭނުންތަކާއި، މަސައްކަތުގެ ދާއިރާތަކުގައި ގިނަ ޢަދަދެއްގެ ބިދޭސީން މިއަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށާއި، ސިނާޢީމަސައްކަތް ކުރެވެމުންދާ ރަށްރަށުގައި ދިރިއުޅެމުންދާކަން ފާހަގަ ކުރެވެއެވެ. މިއަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ 22 ކްލަބް ޖަމްއިއްޔާ އޮވެއެވެ.
މި އަތޮޅުގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށަކީ ރަށުގައި ދިރިއުޅޭ އާބާދީގެ ނިސްބަތުން ބިންބޮޑު އަދި އެކަށީގެންވާ ހުސްބިންއޮތް ރަށްރަށެވެ. ނަމަވެސް މިއަތޮޅު ދިއްގަރާއި މަޑުއްވަރި އަދި ނާލާފުއްޓަކީއަތޮޅުގެ އެހެން ރަށްރަށާ އަޅާބަލާއިރު ބިންދަތި، ޖާގަކުޑަ ތިންރަށްކަމުގައި ފާހަގަ ކުރަމެވެ. މި ތިންރަށަކީވެސް ބިންހިއްކައިގެން ކޮންމެވެސް މިންވަރަކަށް ބިން ބޮޑު ކުރެވިފައިވާ ތިންރަށް ކަމުގައި ވިޔަސް، ރަށުގެ އާބާދީއަށް ބޭނުންވާ ދިރިއުޅުމާއި އެހެނިހެން ވަޞީލަތްތަކަށް އެކަށީގެންވާބިން ލިބިފައިނުވާ ތިންރަށެވެ. އަދި މި ތިންރަށުގެ ފަޅުގެ ސައިޒަށްބަލާއިރު ބިން ހިއްކައިގެން ރަށް އިތުރަށް ބޮޑުކުރުމުގެ ފުރުޞަތުއޮތްކަން ވެސް ފާހަގަ ކުރަމެވެ. މިއަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން ފަޅު ރަށްރަށުގެ ގޮތުގައިވެސް ބިންބޮޑެތި ރަށްރަށް ހުރުމާއެކު، ދިރިއުޅުމަށާއި އިޤުތިޞާދީ ކަންކަމުގައި ބޭނުންކުރާނެ ބިން މިއަތޮޅުގައި ތަނަވަސްވެފައި އޮތްކަން ފާހަގަ ކުރެވެއެވެ. އަދި އަތޮޅުގެ އިރުމަތީ ބިތުގައިވާ މާސިންގާ ދެ ފަރަކީ، ބިމުގެ ދަތިކަން ޙައްލުކުރުމަށް މިއަތޮޅަށް ލިބިފައިވާ މުހިއްމު ވަޞީލަތެކެވެ. އަތޮޅުގެ އިޤުތިޞާދު ބިނާވެފައިވަނީ މައިގަނޑު ގޮތެއްގައި މަސްވެރިކަމާއި،ދަނޑުވެރިކަމާއި، ވިޔަފާރިއާއި، ވަޒީފާ އަދާކުރުމާއި ޓޫރިޒަމްގެ މައްޗަށެވެ. މި އަތޮޅު ދިއްގަރު، މަޑުއްވަރި، ވޭވަށް، މުލައް، ނާލާފުށި އަދި ކޮޅުފުށީގެ ވަރަށްގިނަ ޢަދަދެއްގެ ރައްޔިތުން ބަރޯސާވެފައިވަނީ މަސްވެރިކަމުން ލިބޭ އާމްދަނީގެ މައްޗަށެވެ. އަދި ވަކިން ޚާއްޞަކޮށް މުލައް، މަޑުއްވަރި، ދިއްގަރު، ނާލާފުށި އަދި ވޭވަށަކީ އަތޮޅުގެ ނިސްބަތުން ޒަމާނީ އޮޑިދޯނިފަހަރުގެ ބޭނުންކޮށްގެން މަސްވެރިކަމުގައި ޙަރަކާތްތެރިވަމުންދާ ރަށްރަށެވެ. އަދި ވަކިން ޚާއްޞަކޮށް މުލައް ވޭވަށް އަދި މަޑުއްވަރި ، އަކީ ފައިބަރު ދޯނި ފަހަރު ބަނދެ ވިއްކުމުގެ ވިޔަފާރި ކުރަމުންދާ ރަށްތަކެކެވެ. މ. އަތޮޅަކީ މަހުންއުފައްދާ ބާވަތެއް ކަމުގައިވާ ރިހާކުރު އުފެއްދުމަށް މުޅި ރާއްޖެއިންވެސް ފާހަގަ ކޮށްލެވޭ އަތޮޅެކެވެ. އަތޮޅުގައި އޮތް ދެރިސޯރޓު (މެދުފުށި އައިލެންޑް ރިސޯރޓާއި، ސިނަމަން ހަކުރާހުރާ) ގައި އަތޮޅުގެ ގިނަ ޢަދަދެއްގެ ޒުވާނުން ވަޒީފާ އަދާކުރަމުން ގެންދެއެވެ.