މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ހަވީރީހިނގުން. މ.މުލި، ދިވެހިރާއްޖެ، 11050

މުލައް

ރަށުގެ އާބާދީ :

MALE

FEMALE

AGE GRP

282 264 0-17
114 112 18 - 25
213 203 26 - 35
139 129 36 - 45
156 151 46 - 64
48 44 65 above
952 903 1855

ރަށާބެހޭ މަޢުލޫމާތު

  1. މުލަކަކީ، 1855 މީހުން ދިރިއުޅޭ އާބާދީއެއްގެ މައްޗަށް ބިނާވެގެންވާ ރާއްޖޭގެ މެދު ތެރޭގެ އިރުމަތީ ބިތުގައި އޮންނަ މަސްވެރި ރަށެކެވެ. ޖިއޮގްރަފީ ގޮތުން 02° 5’ 00"އިރުން 73° 3’ 00"ދަރަޖާގައި އުފެދިފައިވާ 57.8 ހެކްޓަރ ބޮޑުމިނުގެ، ރާއްޖޭގެ ވެރިކަން ކުރާ މާލެއާއި 136.9 ކިލޯމީޓަރ ( 74 މޭލް ) ދުރުމިނުގައި އިރުން ހުޅަނގަށް އޮންނަ ދިގުމިނުގައި 1400 މީޓަރ ފުޅާމިނުގައި 500 މީޓަރ ހުރި އަތޮޅުގެ މެދުގައި ވަކިން އޮންނަ ރަށެކެވެ.
  2. މިރަށަކީ ރަށުގެ ދެކުނު ( 750×300 ) ބޮޑުމިނުގެ ބަނދަރަކާއި އުތުރު ފަރާތުގައި 155 ފޫޓް ދިގު 10 ފޫޓު ފުޅާ މިނުގެ ކޮންކްރީޓުން ތައްޔާރު ކުރެވިފައިވާ ރަނގަޅު ފެންވަރުގެ ފާލަމެއް ގާއިމް ކުރެވިފައިވާ ލަފާފުރުމުގެ ދަތިކަންނެއް، މަސްވެރިކަމާއި ދަނޑުވެރިކަމާއި، ކޮންޓްރެކްޓް މަސައްކަތް އަދި ފައިބަރ ގްލާސް މަސްދޯނިބަނުން ފަދަ މަސައްކަތުން އާމްދަނީ ހޯދުމުންދާ ހީވާގި ބަޔަކު ދިރިއުޅެފައިވާ އަދި ދިރިއުޅެމުންދާ ރަށެކެވެ.
  3. މީހުން ދިރިއުޅޭ ގެތަކުގެ ނިސްބަތަށް ބަލައިރު 268 ގޭގައި މީހުން ދިރިއުޅެއެވެ.
  4. ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ގޯތީގެ ޢަދަދަކީ: 457
  5. ރާއްޖޭގައި މިވަގުތު މުވާސަލާތީ ޚިދުމަތްދޭ 2 ކުންފުނިކަމުގައިވާ ދިރާގާއި އުރީދޫގެ ޚިދުމަތް ފޯރުކޮށްދިނުމަށް 2 ޓަވަރު ޤާއިމުކުރެވިފައިވާއިރު އުރީދޫގެ ބީ.އެސް.ސީ އޮފީސް ޤާއިމުކުރެވިފައިވަނީ މުލަކުގައެވެ.

ކަރަންޓުގެ ޚިދުމަތް

މުލަކު ރައްޔަތުންގެ އައު އިންޖީނުގެއަކީ މުލަކުގައި ކުރިން ކަރަންޓް ދެމުންދިޔަ އިންޖީނުގެއިން ދެމުން ގެންދިޔަ އިންޖީނުގެ ބައުވެ، ޖަނަރޭޓަރުތައް ހަލާކުވެ، ޕެނަލް ބޯޑު ހަލާކުވެ، ރަށުގައި އަޅާފައިވާ ކޭބަލް ނެޓްވޯރކް އެތައްފަހަރެއްގެ މަތިން ފެއިލްވެ، ރައްޔަތުންނަށް ކަރަންޓްގެ ޚިދުމަތް ރަނގަޅަށް ނުލިބޭތީ، އޭ.ޑީ.ބީ ގެ ލޯނުއެހީގެ ދަށުން މުލަކުގައި ރަނގަޅު ފެންވަރެއްގެ ކަރަންޓުގެ ނިޡާމެއް ޤާއިމްކުރުމުގެ ގޮތުން ޚިދުމަތްދޭން ފަށާފައިވާ ތަނެކެވެ. މި ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2006ވަނަ އަހަރުގައެވެ. އަދި ޚިދުމަތް ދޭންފަށާފައިވަނީ 13 ފެބްރުއަރީ 2010 ގައެވެ. އަދި ފެނަކަ ކޯޕަރޭޝަނަށް ކަރަންޓުގެ ޚިދުމަތް ބަދަލުކުރެވިފައިނީ، މުލަކަކީ 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ލިބެމުންދާ ރަށެކެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ފެނާ ނަރުދަމާގެ ޚިދުމަތް ދަނީ ލިބެމުންނެވެ.

ޞިއްޙީ ޚިދުމަތް:

މުލަކުގައި ޞިއްޙީ ޚިދުމަތްދިނުމަށްޓަކައި ހެލްތްޕޯސްޓެއްގެ ބިންގާއެޅިފައިވަނީ، 30 ޖުލައި 1998ގައެވެ. ބިންގާ އަޅުއްވައިދެއްވީ އޭރުގެ ހެލްތް މިނިސްޓަރ އޮނަރަބްލަ އަލްފާޟިލް އަޙުމަދު ޢަބުދުﷲ އެވެ. މި ޢިމާރާތުގައި ޚިދުމަތްދޭން ފަށާފައިވަނީ 06 ޑިސެމްބަރ 2003ގައެވެ. މިއީ، ހެލްތު ޕޯސްޓެއްގެ ގޮތުގައި ހުޅުވި އެއް ޑަކްޓަރަކާއި އެއްފެމެލީ ހެލްތު ވަރކަރަކާއި މަސައްކަތު މީހަކާއި 4 ފޫޅުމައިންނާ އެކު މުލަކުގައި ޞިއްޙީޚިދުމަތް ދިނުމަށްޓަކައި އެންމެ ފުރަތަމަ ކުރެވުނު ޢިމާރާތެވެ. އަދި މުލަކުގައި ޞިއްޙީ ޚިދުމަތް މިއަށްވުރެ ފުޅާކޮށް ދިނުމަށްޓަކައި 01 ޖެނުއަރީ 2006 ގައި ހެލްތު ޕޯސްޓަކުން 16 ގަޑިއިރު ޚިދުމަތްދޭ ޞިއްޙީމަރުކަޒަކަށް ބަދަލު ކުރެވުނެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ އޭރުގެ މ. އަތޮޅު އަތޮޅުވެރިޔާ އަލްއުސްތާޛު އަޙުމަދު ސާވީއެވެ. އެއާ އެކު ޞިއްޙީމަރުކަޒުގައި އިތުރު ޚިދުމަތް ތަކާއި މަސައްކަތް ކުރާނެ އިތުރު މުވައްޒަފުން ލިބުނެވެ. އަދި މިހާރު މިމަރުކަޒަކީ 25 މެއި 2007 ން ފެށިގެން އެމްބިއުލާންސްގެ ޚިދުމަތް ދެމުންދާ އަދި 13 އޮކްޓޯބަރ 2007 ން ފެށިގެން ލެބޯޓްރީއެއްގެ ޚިދުމަތް ދެމުންދާ ތަނެކެވެ. މިހާރު 24 ގަޑިއިރުގެ ޚިދުމަތް ލިބެމުންދާ މި މަރުކަޒުގައި ޚިދުމަތްދިނުމަށްޓަކައި 01 ޑޮކްޓަރާއި، 01 ލެބޯޓިރީ ޓެކްނީޝަން 09 ނަރުހުންނާއި އަދި، 01 ފެމެލީ ހެލްތު އޮފިސަރއާއި 01 ކޮމިއުނިޓީ ހެލްތް އޮފިސަރ ޚިދުމަތް ދެމުންގެންދެއެވެ.

އަހުލީ ޕްރީސްކޫލް

އަޙްލީ ޕްރީސްކޫލް ހުޅުވުނީ 14 ޖެނުއަރީ 2002ގައެވެ. އަދި މިސްކޫލަކީ ރައްޔިތު އަންހެނުންގެ ނަމުގައި (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން) ހިންގަމުންދިޔަ ސްކޫލެކެވެ. ނަމަވެސް  2008 ވަނަ އަހަރުން ފެށިގެން މިސްކޫލްގެ އެންމެހާ ކަންތައްތައް ބަލަހައްޓަމުން ގެންދަނީ މުލަކު އޮފީހާއި  އެދައުރެއްގެރ.ކ.ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.އަދި މިހާރު މުލަކު އޮފީހާއި މުލަކު ރައްޔިތުންގެ އިދާރާގެ  ބެލުމުގެ ދަށުންނެވެ.

މިގޯތީގެ ބޮޑުމިނަކީ،8600 އަކަފޫޓެވެ. ގޯތީގެ ހުސްބިމުގެ ބޮޑުމިނަކީ، 6940 އަކަފޫޓެވެ. ސްކޫލުގައި 2 ކުލާސްރޫމާއި،1 ސްޓާފްރޫމާއި ސްޓާފުންގެ 1 ފާޚާނާއާއި ކުދިން ބޭނުން ކުރުމަށް 2 ފާޚާނާހުރެއެވެ.

20ޖެނުއަރީ 2008 ވީ އާދީއްތަ ދުވަހު މިޢިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ މުލަކަތޮޅު އަތޮޅުވެރިޔާ އަލްފާޟިލް ޢަބުދުއްރަޝީދު ޢަލީއެވެ.

މުލަކު ރައްޔަތުންގެ ގެސްޓްހައުސް "މާރަނގަ"

މ.މުލަކު ރައްޔަތުންގެ ގެސްޓްހައުސް އަކީ 5 ސެޕްޓެމްބަރ 2005 ގައި މަސައްކަތްފަށައި 11 ނޮވެމްބަރ 2007 ގައި މަސައްކަތް ނިންމާ 14 އޭޕްރީލް 2008 ގައި ކުރީގެ ރައީސުލް ޖުމްހޫރިއަޔާ އަލްއުސްތާޛު މައުމޫނު ޢަބުދުލްޤައްޔޫމު ހުޅުއްވަވައިދެއްވާފައިވާ ޢިމާރާތެކެވެ. މި ޢިމާރާތަކީ ރައްޔަތުންގެ ޢުމްރާނީ ފުދުންތެރިކަމާއި، އާމްދަނީ އިތުރުކުރުމުގެ ގޮތުން މުލަކު އޮފީހާއި އޭރުގެ ރ.ކ. ކޮމެޓީގެ އިސްނެންގެވުމަކަށް މުލަކަށް އަންނަ ޢިއްޒަތްތެރިންނާއި މެހެމާނުން ތިއްބެވުމަށް އަޅާފައިވާ ޢިމަރާތެކެވެ. މި ޢިމާރަތްކުރުމަށް ޚަރަދުކުރެވިފައިވަނީ ސަރުކާރުންނާއި މުލަކު ރައްޔަތުންގެ ފައިސާއިންނާއި ހެޔޮއެދޭ  ބައެއްފަރާތްތަކުންގެ އިޚްލާޞްތެރި އެހީއާއިއެކުގައިއެވެ.

މި އިމާރާތް އަޅާފައިވާ ބިމުގެ ބޮޑުމިނަކީ 8978.54 އަކަފޫޓެވެ. މި އިމާރާތުގެ ބޮޑުމިނަކީ 2556.5 އަކަފޫޓެވެ. މި ޢިމާރާތުގައި ހިމެނެނީ 6 ކޮޓަރިއާއި (މީގެ ތެރޭގައި ހިމެނެނީ 4 ސިންގަލް ކޮޓަރިއާއި 2 ވީ.އައި.ޕީ ކޮޓަރި) 6 ފާހާނާ އާއި 1 މާސްޓަރ ސިޓިންގ ރޫމާއި 1 ވެރެންޑާއެވެ. މި އިމަރާތް ހެދުމުގެ އަގުގެ %77.78 ފައިސާ ހޭދަކޮށްފައިވަނީ ރައްޔަތުންގެ ފައިސާއިންނެވެ. އަނެއް %22.22 ފައިސާއަކީ އެކިފަރާތްތަކުން އެހީގެގޮތުގައި ދެއްވާފައިވާ ފައިސާއެވެ.

ގެސްޓްހައުހުން ޢާއްމުކޮށް ލިބެންހުންނަ ޚިދުމަތް ތަކަކީ ނިދުމާއި ފެންވެރުމެވެ. ކޮޓަރިތަކާއި ފަހާނާތައް ސާފުކުރަނީ ގެސްޓްހައުސްގެ ފަރާތުން ރައްޔަތުންގެ އިދާރާގެ މަސައްކަތު މީހުން ބޭނުން ކޮށްގެންނެވެ. ދޮވެ އިސްތިރިކުރުމަކީ ކުއްޔަށް ހިފާފަރާތުން ކުރަންޖެހޭ ކަމެކެވެ.

އެސްޓީއޯ ފާމަސީ:

މުލަކު ފާރމަސީ އަކީ، މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ޚަރަދުގައި މުލަކު ރ.ކ. ކޮމެޓީގެ މެންބަރުންގެ އަމިއްލަ މަސައްކަތުން ހިލޭ ސާބަހަށް 2003 ގައި އިމާރާތްކުރަންފަށައި 11 ނޮވެމްބަރ 2004 ގައި ހުޅުވަފައިވާ އިމާރަތެކެވެ. މި ފާރމަސީ ހުޅުވުމުގެ މަޤުޞަދަކީ މުލަކުގައި އޭރުގަ ހެލްތް ޕޯސްޓެއް ހުޅުވުމާއި ގުޅިގެން ރައްޔަތުންނަށް ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމެއް ޤާއިމްކޮށް، ރައްޔަތުންގެ ފުދުންތެރިކަން އިތުރުކުރުމުގެ އިތުރުން ރައްޔަތުންގެ ފައިސާއިން ފައިދާ ލިބޭނެ މަސައްކަތެއް ފެށުމެވެ. މި ފާމަސީ އެސްޓީއޯ ފާމަސީގެ ގޮތުގައި ހިންގުމަށް ޙަވާލުކުރެވިފައިވަނީ

މ. މުލަކު ޕޮލިސް ސްޓޭޝަން:

މ.މުލަކު ޕޮލިސް ސްޓޭޝަނަކީ ފުލުހުންގެ ޚިދުމަތް ދިނުމަށް 26 ޖުލައި 2010ގައި މުލަކުގައި ޤާއިމް ކުރެވިފައިވާ ޕޮލިސް ސްޓޭޝަނެކެވެ. މިވަގުތު ފުލުހުންގެ ޚިދުމަތް ދެމުންގެންދަނީ، މުލަކުގައި ޤާއިމް ކުރެވިފައިހުރި ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގެ އެކަމަޑޭޝަން ބްލޮކުގައެވެ.

މ. ފެމެލީ އެންޑް ޗިލްޑަރަން ސަރވިސް ސެންޓަރ:

މިއީ ލާމަރުކަޒީ އުސޫލުން އަތޮޅު ތަކުގެ ރައްޔަތުންނަށް އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތުން އަތޮޅުތަކުގައި ޤާއިމުކުރެވޭ ސެންޓަރުތަކެކެވެ. މ. އަތޮޅުގެ ސެންޓަރ މުލަކުގައި ޢިމާރާތްކުރުމަށް ބިންގާއަޅުއްވައިދެއްވީ 19 އޮކްޓޯބަރު 2006ގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ އޮނަރަބްލް އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީއާއި، ރައްޔަތުންގެ މަޖުލީހުގެ މ. އަތޮޅު މެމްބަރު އޮނަރަބްލް އަލްފާޟިލާ އަނީސާ އަޙުމަދާއި، ޚާއްޞަ މަޖުލީހުގެ މ. އަތޮޅު މެމްބަރު އަލްއުސްތާޛު އަޙުމަދު ސުލައިމާނެވެ. މި ޢިމާރާތް ހުޅުއްވައިދެއްވީ 28 އޯގަސްޓް 2007ގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ އޮނަރަބްލް އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީއެވެ.

މިސެންޓަރުގެ މައިގަޑު މަސައްކަތްތަކުގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން އަދި ޚާއްޞައެހީއަށް ބޭނުންވާ މީހުންނާއި، ޢުމުރުން ދުވަސްވީ މީހުންގެ ޙައްޤު ތަކަށް އުނިކަމެއް ލިބިގެން ހުށަހެޅޭ މައްސަލަ ތަކުގައި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދީ އަދި އިޖުތިމާޢީ އެހީތެރިކަން ލިބޭނޭ މަގުފަހި ކޮށްދިނުމާއި، އާއިލާ ތަކުގައިތިބި  ކުޑަކުދިންނާއި ، ޢުމުރުން ދުވަސްވީ މީހުންނާއި އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ދޭންވީ ސަމާލުކަން ޢާއިލާގެ ތެރެއިން ލިބިދިނުމަށާއި، އެފަދަ މީހުން ޢާއިލާގެ ތެރޭގައި ބެލެހެއްޓުމަށް ބާރުއަޅާ ހިތްވަރުދިނުމަށް ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ. އަދި ކުޑަކުދިންނާއި އަންހެނުންނާއި ޢާއިލާތަކުގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ މައްޗަށް މުޖުތަމަޢަށް ހޭލުންތެރިކޮށް، ކުޑަކުދިންގެ ތަރައްޤީ އާއި ތަރުބިއްޔަތުގެ ދާއިރާއިން އަތޮޅު ފެންވަރުގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ. އަދި ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތައް ރައްކާތެރި ކުރުމާއި ބެހޭގޮތުން ހެދިފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއާއި ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތައް ރައްކާތެރި ކުރުމާއި ބެހޭގޮތުން ރާއްޖޭގައި ހެދިފައިވާ ޤާނޫނު ތަކުގެ މައްޗަށް ޢާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުންވެސް ހިމެނެއެވެ.

މ. މުލަކު ކައުންސިލްގެ އިދާރާ:

މުލަކުގައި ކައުންސިލް އިދާރާގެ ނަމުގައި ޚިދުމަތްދެމުންދާ ޢިމާރާތުގެ ބިންގާއަޅުއްވައިދެއްވީ 01 ނޮވެމްބަރު 1992 ވަނަ ދުވަހު އޭރުގެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އޮނަރަބްލް އަލްފާޟިލް އިލްޔާސް އިބުރާހީމެވެ. ޢިމާރާތް ހުޅުއްވައިދެއްވީ 22 ޖޫން 1994ވީ ބުދަ ދުވަހު އޭރުގެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓޭޝަން އޮނަރަބްލް އަލްފާޟިލް ޢަބުދުއްރަޝީދު ޙުސައިން އެވެ. މި ޢިމާރާތަކީ، ސަރުކާރުން ތަކެތި ދެއްވައިގެން ރައްޔަތުންގެ މަސައްކަތުން ރައްޔަތުންގެ މަސައްކަތުން ކޮށްފައިވާ ޢިމާރާތެކެވެ.

މ. މުލަކު ސްކޫލް:

ދިވެހިސަރުކާރުން މުލަކު ސްކޫލުގެ ނަމުގައި ސްކޫލެއްގައިމް ކޮށްދެއްވީ 22 ފެބުރުއަރީ 1983 ގައެވެ. މިހާރު މިސްކޫލަކީ ޕްރައިމަރީއަށް ކިޔަވައިދިނުމުގެ އިތުރުން ސެކަންޑްރީ ގްރޭޑްތަކަށް ބިޒްނަސް އަދި ސައިންސް ސްޓްރީމަށް  އެއްދަންފަޅިޔަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ.

 

ދުވަސްވީ އާސާރީ ތަންތަން:

 

ޢީދު މިސްކިތް:

މި މިސްކިތަކީ މ. މުލަކުގައި ހުރި އެންމެ ދުވަސްވީ ބިނާއެވެ. މި މިސްކިތް ބިނާކުރެވިފައިވާ ދުވަސްވަރެއް އެނގޭކަށް ނެތެވެ. މި މިސްކިތް ބިނާކޮށްފައިވަނީ މުލަކު ސްކޫލުގެ ހުޅަނގުން ޗާނދަނީމަގަށް އިންވާގޮތަށެވެ. އީދު މިސްކިތާއި އެ މިސްކިތާއި ގުޅިފައިވާ ގަބުރުސްތާނުގެ ބިސްތާނުތަކާއި ކަށްގައުތަކުން ތާރީޚީ ބައެއް މައުލޫމާތުތައް ލިއްބައިދެއެވެ. ޚާއްޞަގޮތެއްގައި އޭރުގެ މުލަކުގެ އިސްރަށްވެހީންގެ ނަންތަކާއި ދުނިޔެ ދޫކުރި ދުވަސްތައް ފެންނާން ހުރެއެވެ.

ރަށުގައި ހުރި އެންމެ ދުވަސްވީ ގަސް:

މިއީ، މުލަކުގެ އެންމެ ދުވަސްވީ ބޮޑު ނިކަގަހެވެ. ލަފާކުރެވޭގޮތުގައި މިގަހަށް 200 އަހަރަށްވުރެ ގިނަ ދުވަސްވެދާނެއެވެ. މިގަސް ހުންނަނީ ރަށުގެ ދެކުނުން ކަނބާހިނގުމާ އެއްއިންވާގޮތަށެވެ.

ކަނޑޫފާ:

މިތަން އޮންނަނީ މުލަކުގެ އިރު އުތުރުފަރާތު ފުއްޓަރާދިމާއިން ބަދުރު ހިންނަ އާއި ގާތައްމަތި ކިޔާ ސަރަހައްދު ގުޅޭ ހިސާބުގައެވެ. ރާއްޖޭގެ އެހެނިހެން ކަނޑޫފާތަކުންފެންނަ ފަދަ ގުދުރަތީ ދިރުންތައް މި ކަނޑޫފަލުންވެސް ފެނެއެވެ.

  • ރަޖިސްޓްރީކޮށްގެން ޤަވާޢިދުން01 ޓިއުޝަން ސެންޓަރު މިވަގުތު ހިންގަމުން ގެންދެއެވެ.