ދިއްގަރު

މިރަށަކީ މުލަކަތޮޅު އުތުރު ބިތުގައި ތޫލުން 73.34.00 އާއި، ޢަރުޟުން 03.06.40 ގައި އޮތް، ބޮޑުމިނުގައި 13.37 ހެކްޓަރ ހުރި ރަށެކެވެ. މިރަށުގެ ތަފާސްހިސާބަށް ބަލާއިރު ރަށުގެބިން ކުޑަ ނަމަވެސް 2020 ވަނަ އަހަރުގެ ނިޔަލަށް، ރަށުގެ އާބާދީއަކީ 702 ފިރިހެނުންނާއި، 714 އަންހެނުންނާއިއެކު ޖުމްލަ 1416 މީހުންނެވެ. 18 އަހަރާއި 35 ދެމެދުގެ މީހުންގެ ޖުމްލައަކީ 419 ކަމަށްވާއިރު، 35 އަހަރާއި 65 އަހަރާއި ދެމެދުގެ މީހުންގެ ޖުމްލައަކީ 420 އެވެ. އަދި 18 އަހަރުން ދަށުގެ ކުދިންގެ ޢަދަދު 404 ކަމަށްވާއިރު 65 އަހަރުންމަތީގެ 107މީހުން 2020 ވަނަ އަހަރުގެ ޑިސެންބަރުގެ ނިޔަލަށް ތިބި ރަށެކެވެ. އަދި ރަށުން ދިރިއުޅުމަށް ޖުމްލަ 251 ގޯތި ދޫކޮށްފައިވާއިރު، އޭގެތެރެއިން މީހުން ދިރިއުޅޭ 178 ގެ ހުރެއެވެ. އަދި މިރަށުގައި 16 ފިހާރަ އާއި، 3 ހޮޓަލާއި 1 ފާމަސީ ހުރެއެވެ. އަދި މި ރަށުގައި 4 ކުލަބު ޖަމުޢިއްޔާ ރަޖިސްޓްރީކޮށްފައިވެއެވެ.

މިރަށަކީ ބިން ހިއްކައިގެން ކޮންމެވެސް މިންވަރަކަށް ބިން ބޮޑުކުރެވިފައިވާ ރަށެއް ކަމުގައިވިޔަސް ރަށުގެ އާބާދީއަށް ބަލާއިރު ރަށުގެ އާބާދީއަށް ބޭނުންވާ ދިރިއުޅުމާއި، އެހެނިހެން ވަޞީލަތްތަކަށް އެކަށީގެންވާބިން ލިބިފައިނުވާ ރަށެކެވެ. ނަމަވެސް ފަޅުގެ ސައިޒަށް ބަލާއިރު ބިން ހިއްކައިގެން ރަށް އިތުރަށް ބޮޑުކުރެވޭނެ ފުރުޞަތު އޮތް ރަށެކެވެ. މިރަށަށް ޤުދުރަތީގޮތުން ލިބިފައިވާ ފަޅަކީ ބިމުގެ ދަތިކަން ޙައްލުކުރުމަށް ލިބިފައިވާ މުހިންމު ވަސީލަތެކެވެ.

މިރަށަކީ 720 ފޫޓް، 270 ފޫޓުގެ ބޭރުގައި ބޮޑުހިލަ ޖަހައި،  އަށްދަށުގައި ޝީޓްފައިލްކޮށް ކައިރީގައި ގާއަތުރައި ލައިޓް ޖަހައި ނިންމާފައިވާ ބަނދަރެއްހެދިފައިވާ ރަށެކެވެ.

ރަށުގެ އިޤްތިޞާދު މައިގަނޑުގޮތެއްގައި ބިނާވެފައިވަނީ މަސްވެރިކަމުގެ މައްޗަށެވެ. އެގޮތުން ކަނޑުމަހާއި، ފަރުމަހާއި، ފާނައިގެ މަސްވެރިކަންވެސް މިރަށުގެ ގިނަ ރައްޔިތުންތަކެއް ކުރަމުންދެއެވެ. އެގޮތުން އެ މަސައްކަތްތައް ކުރުމަށް މިރަށުގައި 10 މަސްދޯންޏާއި، ޑައިވިން 02 ދޯންޏާއި، 1ވަދުދޯނި ދުއްވައެވެ. އޭގެ އިތުރުން މިރަށުގައި 26 ޑިންގީ އާއި 2 މާލެދަތުރުކުރާ ބޯޓް ދުއްވައެވެ. އަދި މިރަށުގައި މަސްވެރިން ބާނާ މަސް ގަނެ، ކައްކައި، ހިއްކައިގެން އާމްދަނީ ހޯދާމީހުންވެސް އުޅެއެވެ. އެގޮތުން މަސްކައްކާ ހިއްކުމުގެ މަސައްކަތްކުރުމަށް ރަށުން ތިން ބިން ބިމުކުއްޔަށް ދޫކުރެވިފައި ވެއެވެ.  އަދި މިރަށުގެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ރިސޯޓްތަކުގައެވެ. އަދި މަދުންނަމަވެސް ކޮންސްޓްރަކްޝަން މަސައްކަތާއި، ތެދުއުއި ވަޑާމާއި، ކިއްސަރުވަޑާމުގެ މަސައްކަތް ކޮށްގެން ޢާއްމުދަނީ ހޯދާ މީހުންވެސް މިރަށުގައި ދިރިއުޅެއެވެ.

މިރަށަކީ ޕްރީސްކޫލް ތަޢުލީމުގެ އިތުރުން ރަށުގައިތިބެގެން އޭލެވެލް އާއި ހަމައަށް ކިޔެވުމުގެ ފުރުޞަތު ހުޅުވިފައިވާ ރަށެކެވެ. މިރަށުގައި ކިޔަވައިދެމުން އަންނަނީ ކޮމްބައިންޑް ސްޓްރީމް އެވެ. ދިއްގަރުސްކޫލްގައި 252 ދަރިވަރުން އަދި ރެހެންދި ޕްރީސްކޫލްގައި 22 ދަރިވަރުންނާއިއެކު ޖުމްލަ 274 ދަރިވަރުން މިރަށުގައި ތަޢުލީމު ޙާސިލްކޮށްފައި ވެއެވެ. އަދި މިދަރިވަރުންނަށް ކިޔަވައި ދިނުމަށްޓަކައި ދިއްގަރުސްކޫލުގައި 37 ޓީޗަރުން އަދި ރެހެންދި ޕްރީސްކޫލުގައި 1 ޓީޗަރާއި، މަސައްކަތު މީހެއް މަސައްކަތް ކޮށްފައި ވެއެވެ.

މިރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުންނެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނުން 24 ގަޑިއިރު، ރައްޔިތުންނަށް ލުއި އަގުގައި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަކަން އުފަލާއެކު ފާހަގަ ކުރަމެވެ.  އަދި މިރަށުގައި ސިއްޙީ ޚިދުމަތް ދިނުމަށްޓަކައި، ސިއްޙީ މަރުކަޒެއް ޤާއިމުކުރެވި 24 ގަޑީރު ޚިދުމަތް ލިބެމުން ދެއެވެ. އަދި އެތަނުގައި މިހާރު 2 ޑޮކްޓަރުންނާއި ، ލެބޯޓަރީ ޓެކްނޮލޮޖިސްޓަކާއި 9 ނަރުހުން މަސައްކަތް ކުރަމުންދެއެވެ. އަދި އެތަނުގައި ޕަބްލިކް ހެލްތު ޔުނިޓްގެ 3 މުވައްޒަފުން މަސައްކަތް ކުރަމުން ދެއެވެ. އަދި މިރަށުން ސްކޭންގެ ޚިދުމަތާއި ބައެއް މުހިއްމު ޓެސްޓްތައް ހެދެން ނެތްކަން ފާހަގަކުރެވެއެވެ. އަދި މިހާރު ސިއްހީމަރުކަޒު ހުރީ ވަރަށް ބޮޑަށް މަރާމާތުކުރަންޖެހިފައެވެ. އަދި ސިއްހީމަރުކަޒުގެ ޖާގައިގެ ދަތިކަންވެސް ވަރަށް ބޮޑަށް ކުރިމަތިވެއެވެ.

އަދި މިރަށަކީ ސަގާފީގޮތުން ޒަމާނުއްސުރެ ދިވެހި ކެއުމުގެ ތެރޭގައި ހިމެނޭ ދިވެހިން ތައްޔާރުކުރަމުންގެންދާ ރިހާކުރު  ރާއްޖެއަށް މަޝްހޫރުވެފައިވާ '' ދިއްގަރު ރިހާކުރު،، އަކީ ރާއްޖޭގެ އެހެން އެއްވެސް ރަށަކަށް  ދިއްގަރުގައި އުފައްދާ ފެންވަރަށް  އުފެއްދޭ އެއްޗެއް ނޫނެވެ. ވީމާ، މިއީ ދިއްގަރަށް ލިބިފައިވާ ތަރިކައެއްގެ ގޮތުގައި ބެލެވިދާނެ ކަމެކެވެ.

އަދިހަމަ މިއާއެކު ބަނދަރުހެދި، ފެނާއި ނަރުދަމާގެ ޚިދުމަތް ލިބެމުން ދެއެވެ. މީގެ އިތުރުން މިރަށަކީ ޢުމްރާނީތަރަށްޤީގައި  ކުރިއެރުންތަކެއް ހޯދަމުންގެންދާ ރަށެކެވެ. އޭގެތެރޭގައި، މަސްވެރިންނަށް ބޭނުންވާ އައިސް ލިބުމުގައި މުސްތަގުބަލުގައި ކުރިއަށްވުރެ ބޮޑުތަން އިތުރުވުމާއި، އަދި ހިލައާއި، ހިލަވެލި، ސިމެންތި ،  ކޮންކްރީޓްދަނގަޑު ،ލަކުޑި ފަދަ ތަކެތި ވެސް ލިބެމުން ދާނެ ރަށެކެވެ.