ނާލާފުށި

ތަޢާރަފް:

ނާލާފުއްޓަކީ މާލެ އަތޮޅުން ދެކުނަށް ދެވަނައަށް އިރުމަތީ ބިތުގައި އޮންނަ މުލަކަތޮޅުގެ ރަށެކެވެ. މިރަށަކީ އަތޮޅުގެ އިރުވައި ބިތުގައި، އަތޮޅުގެ ވެރިކަންކުރާ ރަށް މ. މުލީގެ ދެކުނުން އޮތް ރަށެކެވެ. ނާލާފުށި އޮންނަނީ އިރުމަތީ ޠޫލުން 73 34’ 38” ގައި ޢަރުޟުން 02 53’ 42” ގައެވެ. ރަށުގެ ބޮޑުމިނުގައި 10.40 ހެކްޓަރ ހުންނައިރު މިއީ އަތޮޅުގެ ނިސްބަތުން ބިންކުޑަ ރަށެކެވެ. 2020 ވަނަ އަހަރު ނިމުނުއިރު ރަށުގެ އާބާދީއަކީ ޖުމްލަ 531 އެވެ. އެއީ 250 އަންހެނުންނާއި 281 ފިރިހެނުންނެވެ. ރަށުގައި މީހުން ދިރިއުޅުމަށް ޖުމްލަ 118 ގޯއްޗެއް ދޫކުރެވިފައިވާއިރު 2020 ވަނަ އަހަރުގެ ނިޔަލަށް މީހުން ދިރިއުޅެމުންދަނީ 85 ގޯއްޗެއްގައެވެ. ފުރަމާލެއާއި ނާލާފުއްޓާ ދެމެދު 76.5 ނޯޓިކަލް މޭލުގެ ރާސްތާއެއް ވެއެވެ. މިރަށަކީ ހީވާގި ރައްޔިތަކު ދިރިއުޅެމުންގެންދާ ރަށެކެވެ. މިގޮތުން ޢާމްދަނީ ހޯދުމަށް ރަށުގައި ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަސްވެރިކަމާއި، ކޮންސްޓްރަކްޝަން މަސައްކަތާއި، ފަތުރުވެރިކަމާއި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ ހިމެނެއެވެ. އަދި ހަމަމިއާއެކު ނާލާފުށީގެ ގިން ރައްޔިތުންނަކީ ރޯނުވަށައި، ފަންވިނުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ބައެކެވެ.

ސަޤާފަތާއި ތަރިކަ

  • ނާލާފުށީ ކުޑަ މިސްކިތަކީ ބެލެވޭ ގޮތުގައި މީގެ އެތައްސަތޭކަ އަހަރެއް ކުރިން ބިނާކޮއްފައިވާ މިސްކިތެކެވެ. ހިރި ގަލުން ބިނާކޮއްފައިވާ މި މިސްކިތުގެ ގޯތިތެރޭގައި ހިރިގަލުގެ ދެ ފެންވަޅުވެސް ހުންނަކަން ފާހަގަކުރެވެއެވެ.
  • ނާލާފުއްޓަކީ ބޭރުރަށްރަށުން އަންނަ މެހެމާނުންނަށް ވަރަށް ފުރިހަމައަށް މެހެމާންދާރީ އަދާކުރުމަށް މަޝްހޫރު، ހިތްހެޔޮ ރައްޔިތަކު ދިރިއުޅޭ ރަށެކެވެ.
  • އިހުގައި ކުޅެއުޅުނު ކުޅިވަރުތަކުގެ ތެރެއިން ބޮޑުބެރާއި ލަނގިރިޖެހުމަކީ މިހާރުވެސް މިރަށުގައި ކުޅެމުންދާ ކުޅިވަރުތަކެއްކަން ފާހަގަކުރެވެއެވެ.
  • ދިވެހި ބޭސްވެރިކަމުގެ މަސައްކަތްވެސް މިހާރު މިރަށުގައި އަންނަނީ ކުރަމުންނެވެ. އަތޮޅުގެ އެކި ރަށްރަށުންނާއި އެހެނިހެން އަތޮޅުތަކުގެ މީހުންވެސް ދިވެހިބޭސްކުރުމަށް މިރަށަށް އާދެއެވެ.

ތަޢުލީމީ ދާއިރާ

މިރަށުގައި ތަޢުލީމު ޙާސިލްކުރުމަށް ނާލާފުށީ ސްކޫލޮގެ ނަމުގައި ސްކޫލެއްވަނީ ޤާއިމްކުރެވިފައެވެ. 2020 ވަނަ އަހަރުގެ ނިމުނުއިރު މި ސްކޫލުގައި ތަޢުލީމް ޙާސިލް ކުރަމުންދަނީ ޖުމްލަ 64 ކުދިންނެވެ. އަދި ރަށުން މިވަގުތު ކިޔަވައި ދެމުންގެންދަނީ ގްރޭޑް ހަޔަކާއި ހަމައަށެވެ. ނާލާފުށީގެ ކުދިންނަށް ރަށުގައި ތިބެގެން ފަސޭހައިން ތަޢުލީމް ހާސިލްކުރުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން 2009 ވަނަ އަހަރު ސަރުކާރުންވަނީ މ. ނާލާފުއްޓާއި މ. މުއްޔާއި ދެމެދު ސްކޫލްފެރީގެ ނިޒާމް ޤާއިމްކޮއދެއްވާފައެވެ.

ސިއްޙީ ދާއިރާ

ނާލާފުށީ ހެލްތު ޕޯސްޓުގެ ނަމުގައި ސިއްޙީ ޚިދުމަތްދޭ މަރުކަޒެއް މިރަށުގައި ޤާއިމްކުރީ 2010 ވަނަ އަހަރުގައެވެ. އަދި މީގެފަހުން މިތަން ސިއްޙީ މަރުކަޒަކަށް ބަދަލުކޮށް ޑޮކްޓަރަކާއި ނަރުހުންގެ ޙިދުމަތްވެސް މިހާރުދަނީ ލިބެމުންނެވެ. ބޭސްފަރުވާގެ ނިޒާމް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތުގެ ތެރެއިން ނާލާފުށީގައި އެސް.ޓީ.އޯ. ފާމަސީއެއްވެސްވަނީ ޤާއިމްކުރެވިފައެވެ.

ޢުމްރާނީ ތަރައްޤީ

ލަފައިފުރުމުގައި މިރަށަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ރަށުގައިވަނީ ބަނދަރެއް ޤާއިމްކުރެވިފައެވެ. ނަމަވެސް ބަނދަރުގެ ބޭރު ތޮށި ޤާއިމްކުރުމަށް ދިމާވި ލަސްތަކެއްގެ ސަބަބުން ބަނދަރުގެ އުތުރުފަރާތު ތޮށިގަނޑުވަނީ ވެއްޓި، މަރާމާތަށް ބޭނުންވެފައެވެ. އަދި ރަށުގެ ނިސްބަތުން ބަލާއިރު މިބަނދަރަކީ ކުޑަ ބަނދަރެއްކަން ފާހަކުރެވެއެވެ. އިހު ޒަމާނުއްސުރެ މިރަށުގެ ވަށައިގެން ވަނީ ރައްޔިތުންގެ މަސައްކަތުން ގަލުގެ ތޮއްޓެއްލެވިފައެވެ. ރަށުގައި ކުނިކޮއްޓެއް ހުރިކަމުގައިވިޔަސް ކުނި ނައްތައިލުމަށް ބޭނުންވާ އިންފްރާ ސްޓްރަކްޗަރާއި، ވަޞީލަތްތައް މިހާތަނަށް ޤާއިމް ކުރެވިފައެއް ނުވެއެވެ.

ނާލާފުށީގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮއްދެމުން ގެންދަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުންނެވެ. މިގޮތުން މިރަށުގެ މިވަގުތު އިންސްޓޯލްޑް ކެޕޭސިޓީއަކީ 235 ކިލޯ ވޯޓެވެ. ރަށުގައި ބޯންބޭނުންކުރާ ވާރޭފެނަކީ ރައްކާތެރި ފެނަކަށް ހެދުމުގެ ގޮތުން ގްރީން ކްލައިމެޓް ފަންޑުގެ ދަށުން ރެއިންވޯޓާ ހާވެސްޓިންގް ޕަލާންޓެއް ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. ރަށުގެ އަމިއްލަ ފަރުދުން އިސްނަގައިގެން ރަށުގެ އެކިސަރަހައްދުތަކުގައި ފާޚާނާލައިންތައް އަޅާފައިވެއެވެ. އެހެންކަމުން ރަށުގެ އެއްވެސް ގޭބިސީއަކުން ރަށުގެބިމަށް ނަޖިސް ހިންދަމުން ނުދެއެވެ. އަދި މިހާރު ސަރުކާރުންދަނީ ނަރުދަމާ އަދި ފެނުގެ ނިޒާމް މިރަށުގައި ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިރަށުގައި ރީޓެއިލް މުދާ ވިއްކާ 04 ފިހާރައާއި 02 ކެފޭ ގެ އިތުން 02 މަސް ސެންޓަރާއި ތެޔޮ ވިއްކާ 02 ސެންޓަރ ހުރެއެވެ. އަދި މިރަށަކީ ކައިރި ރައްރަށުން ވިޔަފާރި ކުރުމަށް އަންނަ ރަށެއްކަން ފާހަގަކުރެވެއެވެ. ނާލާފުށީގައި ދައުލަތުގެ މުއައްސަސާތަކުގެ ތަފާތު ޢިމާރާތްތައް ހުރެއެވެ.  ހިތްފަސޭހަކޮށްލަން ދާފަދަ، ފިނިމައިޒާންތަކާއި ޖޯލިފަތިތަކުގެ އިތުރުން މިރަށުގެ ކައުންސިލުންވަނީ ރަށުގައި ކުޑަކުދިންގެ ޕާކެއްވެސް ޤާއިމްކުރައްވާފައެވެ. މިހެންވުމުގެ ސަބަބުން މިރަށަކީ ހިތްފަސޭހަ ރަށެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ރަށެކެވެ.

ތިމާވެށި

ނާލާފުއްޓަކީ ބިންކުޑަ ރަށަކަށްވެފައި ޢިމާރާތްތަށް ގިންވުމުގެ ސަބަބުން  ރަށުގެ ފެހިކަން ދަނީ ނެތެމުންނެވެ. އަދި ރަށުގެ ފެން ފަށަލަ ލޮނުވުމާއި ރަށް ގިރުމުގެ މައްސަލަތަށްވެސްވަނީ ކުރިމަތިވެފައެވެ. ރަށް ގިރުމުގެ މަސއްސަލައަށް ހައްލެއް ގެންނެވުމުގެ ގޮތުން ސަރުކާރުން މިރަށުގައިވަނީ 510 މީޓަރުގެ ރިވެޓްމެންޓް ތޮއްޓެއް ޖަހައިދެއްވާފައެވެ. ކުނި ނައްތައިލެވޭނެ އެކަށިގެންވާ ނިޒާމެއް ނެތުމުން ދޮނޑުދޮއްތަކާއި ހޭޅީ ތެރެއަށް ކުނި އެޅުންފަދަ މައްސަލަތަށްދަނީ ކުރިމަތިވަމުންނެވެ.