މަޑުއްވަރި

މި ރަށަކީ ، މުލަކަތޮޅު އުތުރުބިތުގައި 73 ޕޮޒިޝަނުގައި ދިވެހިރާއްޖޭގެ ވެރިރަށް މާލޭ ސިޓީ އާއި 119.32 ކިލޯ މީޓަރ ދެކުނުން އޮތް މ.މަޑުއްވަރިއަކީ ހިތްގައިމު ރަށެކެވެ. އެއްދުވަސްވަރެއްގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ އެންމެ ބިން ކުޑަ ރަށުގެ ގޮތުގައި އޮތީ މި ރަށެވެ. ނަމަވެސް ތަފާތު ދެ ފަހަރެއްގެ މަތިން ރަށުގެ ބިން ބޮޑު ކުރެވި، މިހާރު ރަށުގެ ބޮޑު މިނަކީ 10.3 ހެކްޓަރގެ އެވެ. ރަށުގެ އާބާދީގައި 357 ފިރިހެނުންނާއި 358 އަންހެނުން ހިމެނެ އެވެ.

" މ.މަޑުއްވަރި " ނަމާއި އެކު ގުޅިލާމެހިގެން އަންނަ އެންމެ ޙާއްސަ ކަމަކީ ގުޅަމަތި ހިފުމުގެ ސަޤާފީ ކުޅިވަރެވެ.  ގުޅަމަތި ހިފުމުގެ ހަރަކާތަކީ މިހާރު ދިވެހިރާއްޖޭގެ އެއްވެސް އިތުރު ރަށަކުން  ފެންނަން ނެތް ހެވިކަމުގެ ހުނަރުތަކާއު ގުޅުން ހުރި ކުޅިވަރެކެވެ. އިދިފުށަށް އުކުމާއި، މަޑިއަށް ޖެހުމާއި، ކަކާތުން ޖެހުމުގެ އިތުރަށް އެތަކެއް ހެވިކަމުގެ ހުނަރުތައް ފެނިގެންދާ ކުޅިވަރެކެވެ. ގުޅަމަތި ހިފުމުގެ ހަރަކާތުގެ އިތުރަށް ތާރަ ޖެހުން، ލަނގިރި ޖެހުން އަދި ދަނޑި ޖެހުން ފަދަ ސަޤާފީ ހަރަކާތްތައް ރަށުގައި ކުރިއަށް ގެންދެއެވެ.

މަޑުއްވަރީގެ ތާރީހުގައި އެތަކެއް މުހިއްމު ހާދިސާތަކެއް ހިންގާފައި އެބަހުރި އެވެ. މި ގޮތުން ބައެއް ވާހަކަތަކަކީ ކާބަފައިންގެ ތުންތުންމަތިން މިއަދުގެ ޖީލާއި ހަމައަށް އައިސްފައިހުރި ވާހަކަތަކެވެ. މި ގޮތުން "ރަށް އެނދި" ހާދިސާ އާއި "ފުރޭތަ ފެނުން" ފަދަ ވާހަކަތަކަކީ ރަށުގެ ދާސްތާނާއާއި ގުޅުންހުރި ކަންކަމެވެ. ހަމަ މިއާއިއެކު މާކުރީ ޒަމާނެއްގައި އިސްޕެއިންއަށް ޖިޒީ ހިފައިގެންދިޔަ ރަން ބޯޓެއް މަޑުއްވަރީ ކަނޑުއޮޅިއަށް އަޑިއަށް ދިޔަ ކަމަށް ބުނެވޭ ހާދިސާ އަކީ ތުންތުންމަތިން ކިޔަމުން އަންނަ ފާހަގަ ކޮއްލެވޭ ކަމެކެވެ. މީގެ އިތުރަށް ރަށުގެ ރައްޔިތުން އަތޮޅު ނީލަމުން ނެގި ބޮއި ބައްތިއެއްގެ މައްސަލައިގައި ހިންގައިދިޔަ ހާދިސާތަކަކީ ރަށުގެ އިސްރަށްވެހިން އަދުގެ ޖީލަށް ކިޔައި ދެމުން އަންނަ ރަށާ ގުޅުން ހުރި މުހިއްމު ހާދިސާ އެކެވެ.

ރަށުގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. މި ގޮތުން ރަށުގެ ރައްޔިތުން ފަރުމަހުގެ މަސްވެރިކަމާއި ، ދޮށީގެ މަސްވެރިކަން އަދި ކަންނެލީގެ މަސްވެރިކަން ކުރެ އެވެ. ރާއްޖޭގެ ނިސްބަތުން ފަރުމަހުގެ މަސްވެރިކަން އެންމެ ރަނގަޅު ހިސާބަކީ މީމު އަތޮޅުކަމުގައި ވީހިނދު ރަށުގައި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތައް ގިނައެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހުރިއްޔާގެ ފުރަތަމަ ރާއީސް އަލްއަމީރު މުޙައްމަދު ޢަމީން ދޮށިމޭނާ ކިލެގެފޭނުގެ ވެރިކަމުގައި ، މުޅި ދިވެހިރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ފަރުމަހުގެ މަސްވެރިކަމުގެ މުބާރާތުން މުޅި ދިވެހިރާއްޖެއިން 3ވަނަ ލިބުނު ރަށަކީ މ.މަޑުއްވަރިއެވެ. މި ލިޔުން މިހާރުވެސް މ.މަޑުއްވަރީ ކުރީގެ ރަށު އޮފީހުން ފެންނަން އެބަހުއްޓެވެ.

24 ގަޑިއިރު ކަރަންޓްގެ ހިދުމަތް ލިބޭ މ.މަޑުއްވަރިއަށް ވަދެ ނިކުތުމަށް 03 ނެރު އޮވެއެވެ.  މީގެ ތެރެއިން އެއް ނެރު ކެނޑިފައިވަނީ ރަށުގައި އޮންނަ ގުދުރަތީ ވިލުގެ ތެރެއަށް ވަދެވޭ ގޮތަށެވެ. މި ދެންނެވުނު ސަރަހައްދުން ލަފާފުރުމުގެ ފަސޭހައަކަށް ވަނީ އައްދަށު ތޮށިގަނޑެއް ޖެހިފައެވެ. އިރުވައިގެ ހަޅައިގެ ތެރޭގައި މި ސަރަހައްދަކީ އޮމާން ސާލެއްފަދަ ތަނެކެވެ. އޮޑި ފަހަރު އެޅުމަށް 100އިގެ ވިލެކެވެ. ނަމަވެސް ޖޫން ޖުލައިގެ ގަދަ ހުޅަނގު ލައިގަތުމާއެކު މި ސަރަހައްދުގައި އޮޑިފަހަރު އެޅުމަށް އުނދަގުލާއި ކުރިމަތިލާންޖެހެ އެވެ.

މ.މަޑުއްވަރީ ރައްޔިތުން ބޯން ބޭނުންކުރަނީ ވާރޭފެނެވެ. ބޯން ބޭނުންކުރާ ފެން ހުސްނުވާވަރަށް ލިބެން ހުރިކަން ފާހަގަކުރެވެއެވެ. ފެންވެރުމަށް ބޭނުންކުރާ ފެން ލޮނުނުވެ މިހާ ޒަމާންވަންދެން އޮތުމުގެ ސިއްރަކީ ރަށުގެ ރައްޔިތުން އަމިއްލައަށް ފަރުމާކޮށް ބޭނުންކުރަމުން އަންނަ ނަރުދަމާގެ ނިޒާމެވެ.  ޞިއްޙީމަރުކަޒެއްގެ ޚިދުމަތް މި ރަށުން ލިބެއެވެ. މި ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އާސަންދައިން ބޭސް ލިބޭނެ އިންތިޒާމް ޤާއިމުކޮށްދިނުމަށްޓަކައި އެސްޓީއޯ ފާމަސީ އެއް މި ރަށުގައި ހުޅުވިފައިވެއެވެ ގުރޭޑް 10 އަކާއި ހަމައަށް ކިޔަވައި ދެމުން އަންނަ މ.މަޑުއްވަރީ ސްކޫލަކީ ދިވެހި ސަރުކާރުން ހިންގަވަމުން ގެންދާ ސްކޫލެކެވެ. ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އެންމެ ޒަމާނީ ކައުންސިލް އިދާރާއެއް މި ރަށުގައި އިމާރާތްކޮއްފައިވެ އެވެ.

ރަށުގެ ވަށައިގެން ގުދުރަތީ އެތަކެއް މުއްސަނދިކަމެއްވެ އެވެ. ރަށުގެ ޖެޓީ ސަރަހައްދުގެ ހުޅަނގު ފަރާތުން ފަޅުތެރޭގައި އޮންނަ ހިމުން ވެލި ފިނޮޅާއި ބޯވެލި ފިނޮޅަކީ ފާހަގަ ކޮއްލެވޭ ތަނެކެވެ. އަވިދޭ ކަނޑު މަޑު ދުވަހެއްގައި ވަގުތުކޮޅެއް ހޭދަކޮއްލަން ވަރަށް ވެސް ހިތްފަސޭހަ ތަނެކެވެ. ހަމަ މިއާއިއެކު ރަށުގެ ކަނޑު އޮޅިގެ ފުއްޓަރު ފަރާތަކީ މިޔަރު ބަލާލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ސަރަހައްދެކެވެ. މި ސަރަހައްދަކީ ތަފާތު ގިނަ ބަޔަކު ފުޅި އަޅައިގެން ފީނަން އަންނަ ސަރަހައްދެކެވެ. މީގެ އިތުރަށް ރަށުގެ ވަށައިގެން ވާ ގިރިތަކަކީ ފަރުމަހުގެ މަސްވެރިކަން ތަޖުރިބާ ކޮއްލަން ބޭނުންވާ ފަރާތްތަކުން  ކޮންމެހެންވެސް ޒިޔާރަތް ކޮއްލަންޖެހޭ ތަންތަނެވެ. ރަށުން ގެސްޓް ހައުސް ގެ ހިދުމަތް ލިބެން ހުރުމަކީ ރަށަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭނެ ލުއި ފަސޭހައެކެވެ.

" ބޮއިބައްތި އައިލެންޑް " މަޑުއްވަރިއަކީ ގުދުރަތީ ގޮތުން ހިތްގައިމު ރަށެކެވެ. ބޭރުން އަންނަ މެހެމާނުންނަށް މަރުހަބާ ކިޔާ މެހެމާނުންނަށް ކަމޭހިތާ ރައްޔިތުންތަކެއް ދިރިއުޅޭ ތަނެކެވެ. މ.މަޑުއްވަރީ މުސްކުޅިން ވިދާޅުވާ ގޮތުންނަމަ " މ.މަޑުއްވަރީ މިސްކިތު ވަޅުން ފެން ބޮއި ، ޅަ ކަންނެލީ ގަރުދިޔަ ބޮއިފި މީހަކު ދެވަނަ ފަހަރަށް މަޑުއްވަރިއަށް ނައިސް ނުހުންނާނެ އެވެ." މަޑުއްވަރީގެ ރައްޔިތުންގެ މެހެމާނުދާރީ އަދާކުރުމުގެ ވައްޓަފާޅި އަދި ރަށުގެ ވަށައިގެންވާ ގުދުރަތީ ރީތިކަން އިހްސާސާ ކުރެވޭނީ " ބޮއިބައްތި އައިލެންޑް " އަށް ޒިޔާރަތް ކުރުމުންނެވެ.