މ. މަސްބަނދަރު ތަރައްޤީ ކުރުމާއި މ. މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްފަށައިފި

މ. މަސްބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތާއި މ. މުލަކު ގޮޑުދޮށް ހިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއިވެ. މިކަމަށްޓަކައި މ. މުލަކުގައިވަނީ ޚާއްސަ ރަސްމީޔާތެއް ބާޢަވަފައެވެ. މި މަސައްކަތް ފަށްޓަވައި ދެއްވީ އެމް. ޓީ. ސީ. ސީ ގެ ސީއީއޯ އާދަމް އާޒިމް އާއި ރައްޔިތުން މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އިބްރާހީމް ނަސީރު އެވެ. މ. މަސްބަނދަރުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރު ފެބްރުއަރީ މަހުގެ 11 ވަނަދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން މިކަމަށް ބޭނުންވާ ބިންހިއްކުމާއި ބަނދަރު ފުންކުރުން ހިމެނެއެވެ. މީމު މަސްބަނދަރަކީ 160 މީޓަރުގެ ބަނދަރެކެވެ. މީގެ އިތުރަށް 68.09 މީޓަރރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 3200 އަކަމީޓަރުގެ ސަރަހައްދުގައި ޕޭމަންޓް ހެދުންވެސް ހިމެނެއެވެ. މ. މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްފައިވަނީ 2021 މާރޗް 29 ވަނަދުވަހުއެވެ. މިމަސައްކަތުގައި 411.90 މީޓަރުގެ ސަރަޙައްދުގައި ޖީއޯބޭގްގެ ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މަސައްކަތް ފެށުމުގެ ރަސްމީޔާތުގައި ވާހަދައްކަވަމުން އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވީ އެމް.ޓީ.ސީ.ސީ އަކީ ޙަވާލުކުރާ މަސައްކަތްތައް ކަޑައެޅިފައިވާ މުއްދަތަށް ނިންމާކުންފުންޏެއްކަމަށާއި އަދި ކޮންމެ މަޝްރޫއެއްގައި ހިމަނާ ނިންމާ ކަންކަމަކީ ގިނަދުވަހަށް ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ ފެންވަރު ރަނގަޅު މަސައްކަތެއްކަން ޔަޤީން ކުރާކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ. އަދި މުލަކުގަ ފެށި މަސައްކަތްތައްވެސް ވީހާވެސް އަވަހަށް ނިންމަން މަސައްކަތް ކުރަށްވާނެ ކަމަށް ވިދާޅުވިއެވެ.

މުލަކު ކައުންސިލްގެ ރައީސް މުޙައްމަދު އިބްރާހީމް ވިދާޅުވީ ރަށް ގިރުމަކީ ރަށަށް ބޮޑު މައްސަލައަކަށް ވެފައިވާ ކަމެއްކަމަށާއި އަދި ބިމުން ބޮޑުބައެއް ގިރާފައިވާ ކަމަށެވެ. މީގެ އިތުރަށް މަސައްކަތްފެށި މީމު މަސްބަނދަރާއި އެކު މުޅި އަތޮޅުގެ މަސްވެރިކަމަށް ކުރިއެރުން ލިބި ޢާމްދަނީ އެތައް ގޮތަކަށް އިތުވެގެން ދާނެކަމަށް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން މުޅި އަތޮޅަށް ވަޒީފާގެ ފުރުސަތު އިތުރުވެގެން ދާނޭކަންވެސް ފާހަގަކުރެއްވިއެވެ.

މީމު މަސްބަނދަރަކީ ސަރުކާރުން 56.13 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށް ގެންދާ މަސައްކަތެކެވެ. އަދި މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަށް 17.66 މިލިޔަން ރުފިޔާ ހޭދަވެއެވެ.