މުލަކަތޮޅުގައި ތަރައްޤީކުރާ މ. އެއާރޕޯޓްގެ ޢަމަލީ މަސައްކަތްފަށައިފި

މުލަކަތޮޅުގައި ތަރައްޤީކުރާ މ. އެއާރޕޯޓްގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ފަށައިފިއެވެ. މިކަމަށްޓަކައި މުލީގައިވަނީ ޚާއްސަ ރައްސްމީޔާތެއް ކުރިޔަށްގެން ގޮސްފައެވެ.

ދިވެހި ސަރުކާރުން 221 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރަށްވައިގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ މ. އެއާރޕޯޓްގެ މަސައްކަތް އެމް. ޓީ. ސީ. ސީ އާއި ޙަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަދުވަހުގައެވެ. މ. އެއާރޕޯޓް ތަރައްޤީ ކުރަނީ މ. މުލީ ގައެވެ.

މުލަކަތޮޅަކީ 30 މިނިޓުން ދަތުރުކޮށް އެއާރޕޯޓަކަށް ނުދެވޭހަމައެކަނި އަތޮޅެވެ. މުލަކަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށް އޮންނައިރު އަތޮޅުގެ އާބާދީ ގާތްގަނޑަކަށް 7700 އެވެ.

ވައިގެމަގުން ދަތުރުފަތުރުކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމްވެފައި ވުމަކީ މުލަކަތޮޅު ރައްޔިތުންގެ އެތަށް ޒަމާންވީ އުންމީދެކެވެ. މުލީގައި ތަރައްޤީކުރާ މ. އެއާރޕޯޓްގެ ޢަމަލީ މަސައްކަތް ފަށްޓަވައި ދެއްވީ އެމް. ޓީ. ސީ. ސީ ގެ ސީ. އީ. އޯ އާދަމް ޢާޒިމް އާއި ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން އެވެ.

މ. އެއާރ ޕޯޓްގެ ޢަމަލީ މަސައްކަތް ފެއްޓުމަށް މުލީ ގައި ބޭއްވި ޚާއްސަ ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މުލަކަތޮޅުގައި ފަށާފައިވާ މަސްރޫޢުތަކާއި އެކު އެމް.ޓީ.ސީ.ސީ އަކީ މުޅި މުލަކަތޮޅުގެ ތަރައްޤީގެ ބައިވެރިޔާކަމަށެވެ. އަދި އާޒިމް ވިދާޅުވީ  މ. އެއާރޕޯޓަކީ މުލަކަތޮޅު ރައްޔިތުންނަށް ހަމައެކަނި ކުރަހައިދިން ކުރެހުމެއް ނޫންކަމަށެވެ. އަދި މ. އެއާރޕޯޓްގެ ޢަމަލީ މަސައްކަތް ފެއްޓިގެން ގޮސް މަސައްކަތަށް ހުއްޓުމެއްނައިސް އަންނަ އަހަރުގެ ފުރަތަމަ ކްއާރޓާގައި ރައްޔިތުންނަށް ޚިދުމަތް ލިބެންފަށާނެކަމުގެ ޔަޤީންކަންދެއްވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

މުލަކަތޮޅު އަތޮޅުކަންސިލުން ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ނިޔާޒުވިދާޅުވީ މުލަކަތޮޅަކީ ނިސްބަތުން ސަރުކާރުން ހިންގާ އެއްމެގިނަ މަޝްރޫޢުތަށް ހިންގާ އެއް އަތޮޅުކަމަށެވެ. އެގޮތުން 7700 އަށްވުރެ ގިނަ މީހުންގެ އާބާދީ އެއް އޮތް މުލަކަތޮޅުގައި ސަރުކާރުން ހިންގާ މަސްރޫޢުތަކުގެ އަގު 600 މިލިޔަން ރިފުޔާ އަށް ވުރެ އިތުރުކަމަށާއި އެއީ އާބާދީގެ ނިސްބަތުން ބޮލަކަށް 77 ހާސް ރުފިޔާ ކަންވެސް މުޙައްމަދު ނިޔާޒު ފާހަގަކުރެއްވިއެވެ.

މ. މުލީ ކައުންސިލްގެ ރައީސް އަޙްމަދު ޝާތިރު ވިދާޅުވީ ވައިގެ މަގުން ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ނެތުމުގެ ސަބަބުން މުޅި އަތޮޅަށް އިޤްތިސާދީ ގޮންޖެހުމާއި ކުރިމަތިވެފައި ވާކަމަށާއި، ކުއްލި ޙާލަތުގައި ސިއްޙީ ހިދުމަތް ފޯރުކޮށްދިނުމާއި، ވަޒީފާގެ ރޮގުންވެސް އަތޮޅުއޮތީ ފަހަތުގައިކަމަށެވެ. އަދި މ. އެއާރޕޯޓު ނިމުމާއި އެކު މިދެންނެވި މައްސަލަތަށް ޙަލުވެގެންދާނެކަށާއި އަދި އަތޮޅުގެ އެތައް ދަރިންނަށް ވަޒީފާތައް ލިބި އިޤްދިސާދީ ދޮރުތަކެއް ހުޅުވިގެންދާނެކަމަށްވެސް ޝާތިރު ވިދާޅުވިއެވެ.

މީމު އެއާރޕޯޓަކީ އެތެރޭގެ އުދުހުމަށް ޚާއްސަ އެއާރޕޯޓެކެވެ. އެއާރޕޯޓް އެޅުމަށް މ. މުލިން އިތުރަށް 14 ހެކްޓަރގެ ބިން ހިއްކުމަށް ސަރުކާރުންވަނީ ނިންމާފައެވެ. އެއާރޕޯޓް ތަރަށްޤީކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ 1200 މީޓަރުގެ ރަންވޭ އާއި، ޓާމިނަލްއާއި، ޓެކްސީ ވޭ އަދި އޭޕްރަންގެ މަސައްކަތެވެ.