ދިވެހިބަހަށް އަހުލުވެރިކުމުގެ ކޯހެއް ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނަށް ބާއްވައިފި

ދިވެހިބަހުގެ އެކަޑަމީއާއި މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ ގުޅިގެން މިއަތޮޅުގައި ތިއްބެވި ސަރުކާރު މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމުގެ ކުރު ކޯހެއް ބާއްވައިފިއެވެ. 2022 ސެޕްޓެމްބަރ 8 ން 2022 ސެޕްޓެމްބަރ 10 ގެ ނިޔަލަށް 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި ކިޔަވައި ދެއްވީ އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމާއި، އަލްއުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރެވެ. މީގެ އިތުރުން ދިވެހިބަހުގެ އެކަޑަމީގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ އާތިކާ އިބްރާހިމާއި، އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ފައުޒާން އަޙުމަދު ވަޑައިގެންނެވިއެވެ.

މިކޯހުގައި ކިޔަވައިދެއްވި ބައިތަކުގެތެރޭގައި، ލަފުޒު ވަކިކޮށް ލިޔުން، އައިބައިފިލީގެ ހަމަތައް، ސުކުން ކުރެވޭ އަކުރުތަކާއި ތިކިޖެހި ތާނަ، ދިވެހިބަހުގެ ދަރަޖަތައް، ބަދަލުވާއަކުރު، ބަހުގެ ހަމަތަކާ އެއްގޮތަށް ޢިބާރާތް ކުރުން، އަދި ޖުމްލަ ނިންމާނެ ގޮތް ހިމެނެއެވެ.

ކޯހުގައި 28 މުވައްޒަފުން ބައިވެރިވެ ސެޓްފިކެޓް ޙާޞިލް ކުރެއްވިއެވެ. ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ މ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އިއުތިމާދު އަޙުމަދު ސަޢީދެވެ.