ރައީސުލްޖުމްހޫރިއްޔާ މ. އަތޮޅުގެ 5 ރަށަކަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަތޮޅުގެ 5 ރަށަކަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ. މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި، ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިގޮތުން އެންމެ ފުރަތަމަ ވަޑައިގަތީ، މިއަތޮޅު ރަތްމަންދޫ އަށެވެ. މީގެ އިތުރުން، މަޑުއްވަރި އާއި ދިއްގަރު، ވޭވަށް އަދި މުއްޔަށް ވަޑައިގެން، މިރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ އަދި އަތޮޅު ކައުންސިލާއި ބައްދަލުކުރެއްވިއެވެ. އަދި ވޭވަށް ފިޔަވައި އެހެން ރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފައިވެއެވެ.  ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ރަށްރަށުގައި ހިނގާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށްދާ ގޮތްވެސް ބައްލަވާލެއްވިއެވެ.

މީގެ އިތުރުން،  ކައުންސިލްތަކުން  އެންމެ އިސްކަންދީގެން ޙައްލުކުރަން ބޭނުންވެލައްވާ ކަންކަން ޙައްލުކޮށްދެއްވުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކާއި އެކު މަސައްކަތްކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ވޭވަށުގެ ބަނދަރާއި އެރަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި އިންޖީނުގޭގެ އޮފީސް ހުޅުއްވައި ދެއްވައި، ދިއްގަރުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. ހަމަ އެއާއެކު ދިއްގަރުގެ ވޮލީކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި، ވޮލީ ކޯޓު ހުޅުވުމުގެ ގޮތުން ދިއްގަރު ވެޓެރެންސް ވޮލީ ޓީމާއި މޯލްޑިވްސް ވެޓެރެންސް ވޮލީޓީމު ބައްދަލުކުރި މެޗުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ މާލެވަޑައިގަންނަވާފައެވެ.