ދިވެހި ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވުމުގެ އިނާމް މ. އަތޮޅުގެ 2 ބޭފުޅަކަށް ލިބިވަޑައިގެންފި

މުލަކަތޮޅު އަތޮޅު ކައުންސިލް އިދާރާގެ ވަޒީފާގައި ދިގުމުއްދަތަކަށް ޚިދުމަތް ކޮށްދެއްވާފައިވާ 2 ބޭފުޅަކަށް ޤައުމީ ޚިދުމަތުގެ އިނާމް ލިބިލައްވައިފިއެވެ. މި އިނާމް ޙަވާލުކޮށްދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހެވެ.

މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވާފައިވާ ޚިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.

މި 2 ބޭފުޅުންނަކީ މ. މުލީ މާކޯނި އަލްފާޟިލާ ނަސީމާ މުޙައްމަދު ކަލޭފާނާއި، މ. މުލީ އަމާޒު އަލްފާޟިލް އަޙްމަދު ކަމާލު އެވެ. މިގޮތުން މިހާރު ވަޒީފައިން މުސްކުޅި ކުރައްވާފައިވާ އަލްފާޟިލާ ނަސީމާ މުޙައްމަދު ކަލޭފާނުވަނީ މެދުނުކެނޑި 37 އަހަރުދުވަހު ދަޢުލަތަށް ޚިދުމަތް ކޮށްދެއްވާފައެވެ. މ. އަތޮޅު ކައުންސިލްގެ ކައުންސިލް އޮފިސަރގެ ވަޒީފާގައި މިހާރުވެސް ހުންނެވި އަލްފާޟިލް އަޙްމަދު ކަމާލު ވަނީ މެދުނުކެނޑި 44 އަހަރު ދުވަހު  ދަޢުލަތަށް ޚިދުމަތް ކޮށްދެއްވާފައެވެ .

މި ފަރާތްތަކުން ޤައުމަށާ، އަތޮޅަށް ކޮށްދެއްވާފައިވާ އަދި ކުރައްވަމުން ގެންދަވާ އަގުހުރި ޚިދުމަތްތައް މ. އަތޮޅު ކައުންސިލުން ޝުކުރުވެރިކަމާއެކު ފާހަގަކޮށް،  ތަހުނިޔާއާއި މުބާރިކުބާދީ އަރިސްކުރަމެވެ.