މުލަކަތޮޅު ރަށު ކައުންސިލްތަކުގެ އިދާރީހިންގުން ހަރުދަނާކުރުމާ ބެހޭގޮތުން އިރުޝާދުދިނުމަށް ބައްދަލުވުމެއް ބާއްވައިފި

މި ކައުންސިލުން އިސްނަގައިގެން މި އަތޮޅުގެ ރަށު  ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމާ ބެހޭގޮތުން އިރުޝާދު ދިނުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ. 2021 މާރިޗް 02 ވަނަ ދުވަހު  މެންދުރުފަހު 13:00 އިން 13:45 އަށް އޮންލައިންކޮށް ކުރިއަށް  ގެންދިޔަ ބައްދަލުވުމުގައި  މުލަކަތޮޅު އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ނާއިބު ރައީސް އަލްފާޟިލް އަޙްމަދު ޙަސަނާއި، ކައުންސިލް އިދާރާގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު ނިޔާޒާއި، އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޒާހިރެވެ. ރަށްރަށު ކައުންސިލްތަކުގެ ފަރާތުން އެ ކައުންސިލް އިދާރާއެއްގެ އެކްޓިން ސެކްރެޓަރީ ޖެނެރަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މުލަކަތޮޅު އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލް އަޙްމަދު ޙަސަން ދެއްކެވި ވާހަކަ ފުޅުގައި 2019 ވަނަ އަހަރު ލޯކަލް ގަވަރންމަންޓް އޮތޯރިޓީން އިޢުލާންކުރެއްވި ކައުންސިލްތަކުގެ ޕާފޯމަންސް އިންޑެކްސްގެ ނަތީޖާއަށް އަލި އަޅުވާލައްވާ ވާހަކަފުޅުދެއްކެވިއެވެ. އަދި ޤާނޫނުން ކައުންސިލްތަކަށް ނިންމަން ލާޒިމްކުރާ ކަންކަން ޤާނޫނުގައިވާގޮތަށް އެ ތާރީޚްތަކަށް ނިންމެވުމަށް ހުރިހާ ރަށުކައުންސިލްތަކަށް ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ. އޭނާގެ އުއްމީދަކީ ދިވެހިރާއްޖޭގެ ގަދަ ދިހަ ކައުންސިލްތެރޭގައި މ. އަތޮޅުގު ރަށްރަށު ކައުންސިލްތައް ހިމެނުންކަން ފާހަގަކުރައްވާ އެކަން ޚާޞިލްކުރުމަށް ކައުންސިލްތަކުގެ އިދާރީ އެންމެ އިސް މުވައްޒަފުން އިތުރަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގަތެވެ. އަދި 2019 ވަނަ އަހަރު މ. އަތޮޅުގެ ހުރިހާ ރަށު ކައުންސިލެއްވެސް ރޭންކު ކުރެވޭވަރަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީއަށް މަޢުލޫމާތު ފޮނުއްވާފައިވާކަން ފާހަގަކުރައްވާ ހުރިހާ ރަށުކައުންސިލަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ކައުންސިލްތަކުގެ  ޕާފޯމަންސް އިންޑެކްސް ރޭކިންއިން 2019 ވަނަ އަހަރު މ. އަތޮޅުގެ ރަށުކައުންސިލްތަކުން މ. ދިއްގަރު ކައުންސިލް އެއްވަނަ ހޯދާފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިހާރަށްވުރެ ބޮޑަށް މުވައްޒަފުން ތަމްރީންކުރުމަށް ބާރުއަޅުއްވާ އެކުމުގެ މުޙިއްމުކަމާ ބެހޭގޮތުންވެސް އަޙްމަދު ޙަސަން ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުވުމުގައި މ. އަތޮޅު ކައުންސިލް އިދާރާގެ  އެކްޓިންގ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނިޔާޒު ދެއްކެވި ވާހަކަފުޅުގައި ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ހައިބްރިޑް ޓްރެއިނިންގ ޕްރޮގްރާމް އަތޮޅުގެ ހުރިހާ  ކައުންސިލަކުންވެސް ފުރިހަމަކުރެއްވުމަށް ބާރު އަޅުއްވާ ވާހަކަފުޅުދެއްކެވިއެވެ. އަދި 2020 ވަނަ އަހަރުގެ މުވައްޒަފުންގެ މަސައްކަތު ފެންވަރުބަލާ ފޯމްތައް ދުވަހަށް ނިންމެވުމަށް ރަށްރަށުގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލުންގެ އަރިހުން އެދިވަޑިގެންނެވިއެވެ. އަދި ކޮންމެ ކައުންސިލަކުންވެސް މުވައްޒަފުނަށް ބޭނުންވާ ތަމްރީންތައް ދެނެގަތުމަށް ސާވޭކުރައްވާ، ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާ، އެ ކައުންސިލަކާއި، މ. އަތޮޅު ކައުންސިލް ގުޅިގެން މުވައްޒަފުން ތަމްރީންކުރުމަށް ބާރުއަޅުއްވާ ވާހަކަފުޅުދެއްކެވިއެވެ. އަދި ކޮންމެ ކައުންސިލަކުންވެސް ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ފޯކަލްޕޮއިންޓެއްގެ ގޮތުގައި މުވައްޒަފަކު ކަނޑައަޅުއްވާ އެ މަޢުލޫމާތު އަތޮޅު ކައުންސިލާ ޚިއްޞާކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.