މ.ދިއްގަރު ކުޑަކުދިންގެ ޕާކު ހުޅުވައިފި

މ. ދިއްގަރު ކުޑަކުދިންގެ ޕާކު ހުޅުވުމުގެ ރަސްމިއްޔާތު 2021 ފެބްރުއަރީ 27  ވީ ހޮނިހިރު ދުވަހު 17:00 ގައި ބާއްވައިފިއެވެ.   އޮންލައިކޮށް މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އޮންރަބްލް އަޙްމަދު މަޚްލޫފާއި، ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އިކްރާމް ޙަސަން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އޮންރަބްލް އަޙްމަދު މަޚްލޫފެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔޫތް މިނިސްޓަރު އަޙްމަދު މަޚްލޫފް ވިދާޅުވީ އެ މިނިސްޓްރީން މި ޕާކަށް ބޭނުންވާ ތަކެތިދެއްވާ އެހީތެރިވެވަޑައިގެންނެވި ނަމަވެސް މި ފުރިހަމަ ރީތި ޕާކުގެ ހަޤީޤީ ކުރެޑިޓް ދެއްވަން ބޭނުންފުޅުވަނީ  މ. ދިއްގަރު ކައުންސިލާއި، ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިކްރާމް ޙަސަނަށް ކަމަށެވެ.

އަދި ޔޫތު މިނިސްޓަރ ގެ ހައިސިއްޔަތުން ރާއްޖޭގެ 150 އަށްވުރެ ގިނަ ރަށް ރަށަށް މިހާތަނަށް ވަޑައިގެންނެވިއިރު އެންމެ ބޮޑަށް ފާހަގަކުރެއްވުނު އެއްކަމަކީ ތުއްތު ކުދިން ކުޅެލާ އުފާކޮށްލާނެ ޕާކުފަދަ ތަންތައް މަދުކަމެވެ. އެހެންކަމުން އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން އިންޑިއާ ސަރުކާރުގެ ހިލޭ އެހީއާވެސް އެކު ރާއްޖޭގެ 105 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް މިހާރުކުރުރިއަށް ގެންދަވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިއްގަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އިކްރާމް ޙަސަން ވިދާޅުވީ ޕާކުގެ މަސްއްކަތާއި، މ.އަތޮޅުގެ ތަރައްޤީއަށް އަދުގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފު ކުރައްވާ މަސައްކަތްޕުޅު ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާކަމަށެވެ. އަދި މިފަދަ  މަސައްކަތެއް ދިއްގަރު ކައުންސިލުން މިހާ ފުރިހަމައަށް ކުރެއްވީތީ ދިއްގަރު ކައުންސިލްގެ މަސައްކަތް ޚާއްޞަކޮށް ކައުންސިލްގެ ރައީސްގެ މަސައްކަތްޕުޅު ފާހަކަކުރައްވާކަމަށެވެ. އިކްރާމްގެ ވާހަކަފުޅުގައި ކުޑަކުދިންގެ ޕާކުގެ ސަބަބުން ކުޑަކުދިންގެ ހެދި ބޮޑުވުމާ ނަފުސާނީ ދުޅަހެޔޮކަމަށް އެދެވޭ އަސްރުތަކެއް ކުރާނެކަންވެސް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މުލަކަތޮޅު އަތޮޅު ކައުންސިލްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އަތޮޅުކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު ނިޔާޒު ވިދާޅުވީ ތުއްތު ކުދިންނަކީ ޤައުމުގެ ކުރިމަގު އެ ބައެއްގެ މައްޗަށް ބިނާވެފައިވާ ފަރާތްކަމުގައިވާތީ، ތުއްތުކުދިންގެ ތަރުބިއްޔަތަށް ޚާއްޞަ ސަމާލުކަމެއް ދެއްވަންޖެހޭ ކަމަށެވެ. ވުމާއި އެކު ސިޔާސީ ފަރާތްތަކުން ނިންމުންތައް ނިންމަވާއިރު ތުއްތު ކުދިންގެ މުސްތަޤުބަލަށް ކުރާނެ އަސަރަށް ވިސްނަވައިގެން ނިންމުންތައް ނިންމުމަކީ ނުހަނު މުހިއްމުކަމެއްކަމަށް ވިދާޅުވިއެވެ. އަދި މިމަސައްކަތުގައި މުލަކަތޮޅު އަތޮޅު ކައުންސިލުން އެހީވެދެއްވިކަން ފާހަގަކޮށް އެކަމުގެ ޚިއްޞާދާރެއްކަމުގައި ވެވުނީތީ އުފާފުޅުކުރައްވާކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިއްގަރު ކައުންސިލްގެ ރައީސް އަޙްމަދު ނިޝާން ވިދާޅުވީ ޕާކުގެ މަސައްކަތާއި، މ.ދިއްގަރުގެ ތަރައްޤީއަށް އަދުގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފާއި، ދިއްގަރު ދާއިރާގެ މެންބަރު އަލްފާޟިލް އިކްރާމް ޙަސަން  ކުރައްވާ މަސައްކަތްޕުޅު ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާކަމަށެވެ. އަދި މިފަދަ  މަސައްކަތުގައި އެއްބާރުލުންދެއްވި އެންމެހާ ފަރާތަކަށް އޭނާ ޝުކުރުއަދާކުރެއްވިއެވެ. އަދި ދިއްގަރުގެ އާބާދީގެ 28 އިން ސައްތައަކީ 18 އަހަރުން ދަށުގެ ތުއްތު ކުދިންކަން ފާހަގަކޮށް މި ޕާކުގެ ސަބަބުން އެކުދިންނަށް އުފާވެރިކަން ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.

ވަރަށް ފުރިހަމައަށް ތަރއްޤީކޮށްފައިވާ މ. ދިއްގަރު ކުޑަކުދިންގެ ޕާކު ހުޅުއްވައިދެއްވީ މ. ދިއްގަރު ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ނިސާނާއި، މުލަކަތޮޅު އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރ ޖެނެރަލް އަދި އެކްޓިންގ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު ނިޔާޒެވެ.