މުލަކަތޮޅު ރަށު ކައުންސިލްތަކުގެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވައިފި!

މުލަކަތޮޅު އަތޮޅު ކައުންސިލުން އިސްނަގައިގެން މި އަތޮޅުގެ ރަށު  ކައުންސިލްތަކުގެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ. މިއަދު މެންދުރުފަހު 13:00 އިން 14:15 އަށް ކުރިޔަށް ދިޔަ ބައްދަލުވުމުގައި  މުލަކަތޮޅު އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލް އަޙްމަދު ޙަސަނާއި، ކައުންސިލް މެންބަރު އަލްފާޟިލް ޙަސަން އަމްޖަދުގެ އިތުރުން އަތޮޅު ކައުންސިލްގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު ނިޔާޒާއި، ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޒާހިރާއި، އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޒާހިރު ބައިވެރިވެ ވަޑައިގެންނިވިއެވެ. ރަށްރަށު ކައުންސިލްތަކުގެ ފަރާތުން އެ ކައުންސިލެއްގެ ރައީސް ނުވަތަ ނައިބު ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ ނެޝެނަލް ސެންޓަރ ފޯ ދި އާޓްސްއިން އެދިވަޑައިގެންފައިވާ ފަންނުވެރިންގެ ދަފުތަރު އެކުލަވާލުމާއި، ސިވިލް ސަރވިސްއިން ޓްރެއިނިންގ އިންސްޓިޓިއުޓުން ކުރިޔަށް ގެންދަވާ އިންޑަކްޝަން މެންޓާ ޓްރެއިނިންގގައި އަތޮޅުގެ ހުރިހާ ރަށުކައުންސިލަކުން ބައިވެރިވުމުގެ މުހިންމުކަމާއި، އިންޓާރން އަދި ޕްރޮބޭޝަންމުއްދަތުގައި ވަޒީފާ އަދާކުރާ ފާރާތްތައް ފާހަގަވާނެ ޓެގެއް ބޭނުންކުރުމަށް ސިވިލް  ސަރވިސް ކޮމިޝަނުން އަންގަވާފައިވާ އެންގެވުމަށް ޢަމަލުކުރުމާއި، ފުލުހުންގެ ޚިދުމަތް ނެތް ރަށްރަށުގައި މާސްކު ނާޅާ ފަރާތްތައް ޖޫރިމަނާކުރުމުގެ ކަންކަން ތަންފީޒުކުމާ ގުޅޭގޮތުން ކަމާ ގުޅޭ ދައުލަތުގެ އިދާރާތަކުން ފޮނުއްވާފައިވާ ސިޓީ ތަކާބެހޭގޮތުންނެވެ.

މި ބައްދަލުވުމުގައި ރަށު ކައުންސިލްތަކުން ފާހަގަކުރެއްވި ކަން ބޮޑުވުންތަކުގެ ތެރޭގައި ސަރުކާރުގެ ބައެއް އިދާރާތަކަށް ފޮނުވާ ސިޓީތަކުގެ ޖަވާބުލިބުން ލަސްވާ މައްސަލައާއި، މާލެއިން ކަރަންޓީންނުވެ ރަށްރަށަށް އެކި މަސައްކަތް ކުރުމަށް އެޗް.ޕީ.އޭގެ ހުއްދަ ހޯދައިގެން އަންނަ ފަރާތްތަކުގެ މަޢުލޫމާތު ކައުންސިލްތަކާ ދުރާލާ ހިއްސާނުކުރާ މައްސަލައާއި، އަތޮޅުގައި ކޮވިޑް19 ރޭންޑަމް ސުންކު މިހާރަށް ވުރެ އިތުރައް ނެގުމުގެ ބޭނުންތެރިކަން ހިމެނެއެވެ. މީގެ އިތުރުން އަތޮޅުގައި މަސައްކަތްކުރާ މުދައްރިސުންނާއި، ޢާއްމުކޮށް މާލެ ދަތުރުކުރާ އުޅަނދުފަހަރުގެ ފަޅުވެރިންނަށް ވެކްސިން ދިނުމުގެ މުޙިއްމުކަން ބައެއް ކައުންސިލްތަކުން ފާހަގަކުރިއެވެ.