މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ހަވީރީހިނގުން. މ.މުލި، ދިވެހިރާއްޖެ، 11050

ޚަބަރުނޯޓިސްބޯޑު

މ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު މުޙައްމަދު ނިޔާޒު އައްޔަން ކުރައްވައިފި

މ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު މުޙައްމަދު ނިޔާޒު މިއަދު  އައްޔަން ކުރައްވައިފިއެވެ. 19 މާރިޗް 1998 ގައި ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ އެސިސްޓެންޓް ސެކްރެޓަރީ (ޓްރެއިނީ) ގެ ވަޒީފާއިން ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވި އަލްއުސްތާޛު މުޙައްމަދު ނިޔާޒު ވަނީ އެކިއެކި އިދާރާތަކުގައި 24 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައެވެ. ހިންގުމުގެ ދާއިރާގައި 17 އަހަރަށްވުރެ ގިނަދުވަހު އޭނާ މަސައްކަތް ކުރައްވާފައިވެއެވެ. މިގޮތުން ބޭންކް އޮފް މޯލްޑިވްސް ގައި 12 ވަރަކަށް އަހަރު އޭނާ ޚިދުމަތް ކުރެއްވިއިރު އޭގެތެރެއިން 06 އަހަރު ދުވަހު މެނޭޖަރެއްގެ ގޮތުގައި  ބޭންކް އޮފް މޯލްޑިވްސްގެ ތަފާތު  04 ބްރާންޗެއްގައި މަސައްކަތް ކުރައްވާފައެވެ. އެއަށް ފަހު 2011 ވަނަ އަހަރުން ފެށިގެން މ. މުލީ މުޖެސްޓްރޭޓް ކޯޓުގެ ކޯޓް އެޑްމިނިސްޓްރޭޓަރގެ މަޤާމުގައި 07 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، 2019 މާރިޗް 20 ވަނަ ދުވަހުން ފެށިގެން އަދާ ޖެހެންދެން އޭނާ ހުންނެވީ މިއިދާރާގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ. މިމަޤާމުގައި ހުންނަވައިގެން އޭނާވަނީ މި އިދާރާގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތާއި، އެކްޓިން ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު ތިން އަހަރަށް ވުރެ ގިނަ ދުވަހު އަދާކުރައްވާފައެވެ.

މުޙައްމަދު ނިޔާޒު ވަނީ އިސްލާމިކް ބޭންކިންއާއި، އިންފޮމޭޝަން ޓެކްނޮލޮޖީއާއި، ޤާނޫނީ އަދި ބިޒްނަސް އެޑްމިންޓްރޭޝަންގެ ރޮގުން މަތީ ތަޢުލީމު ހާސިލްކުރައްވާފައެވެ. މިގޮތުން އޭނާވަނީ ބެޗްލާސް އޮފް ލޯސް އަދި މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ޚާޞިލްކުރައްވާފައެވެ. އަލްއުސްތާޛު މުޙައްމަދު ނިޔާޒަކީ ދަށު ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައޮތް ޤާނޫނީ ވަކީލެއްވެސް މެއެވެ.

އޭނާގެ ލީޑަރޝިޕްގެ ދަށުން މި ކައުންސިލްގެ އިދާރީ ހިންގުމަށް ހެޔޮބަދަލުތަކެއް ގެންނަވާނެކަމަށް އަޅުގަނޑުމެން ޝައްކެއް ނުކުރަމެވެ. މި އިދާރާގެ އައު ސެކްރެޓެރީ ޖެނެރަލްއަށް އަޅުގަނޑުމެން މަރުޙަބާ ދަންނަވަނީ އުފަލާއެކު ފުރިހަމަ ކާމިޔާބީއަށް އެދި ﷲގެ ހަޟުރަތުގައި ދުޢާދަންނަވަމުންނެވެ.