މ. އަތޮޅުގެ ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް އަމާޒު ކުރެވިގެން ސޯޝަލް ބިހޭވިޔަރ ޗޭންޖް ނުވަތަ SBC ގެ އުކުޅުތައް ބޭނުންކުރުމަށް ދަސްކޮށްދޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި!

 

 

ލޯކަލް ގަވަމެންޓް އޮތޯރިޓީ އާއި ޔުނިސެފް ގުޅިގެން ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން (2010/7) ގެ ދަށުން އިންތިޚާބުވެފައިވާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް އަމާޒު ކުރެވިގެން ކުރިއަށްދާ ސޯޝަލް ބިހޭވިޔަރ ޗޭންޖް ނުވަތަ (SBC) ގެ އުކުޅުތައް  ބޭނުންކުރުމަށް މަސައްކަތު ބައްދަލުވުން ތަކެއް މ. މުލީގައި ބާއްވައިފިއެވެ.

މިގޮތުން ފެބްރުއަރީ 12 އިން 17 (ދެ ބެޗަކަށް ބަހާލައިގެން) މ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށް މ. މުލީގައި ބޭއްވި ސޯޝަލް ބިހޭވިޔަރ ޗޭންޖް ނުވަތަ SBC ގެ މަސައްކަތު ބައްދަލުވުމަކީ އެސްބީސީގެ ސްޓްރެޓަޖީ (އިސްތިރާޖީ) ނުވަތަ އުކުޅުތައް ކިޔާދީ ބޭނުންކުރެވޭނެގޮތުގެ ޕްރޮގްރާމެކެވެ. މަޤްޞަދަކީ ރަށުގެ ކޮމިއުނިއިޓީ ލެވަލްގައި ޕްރޮޖެކްޓް/ޕްރޮގްރާމްތައް ރާވާއިރު ކޮންމެ ރަށެއްގެވެސް ހުރިހާ އުމުރުފުރައެއް )ކުޑަކުދިންނާއި، އަންހެން، ފިރިހެން، އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން، އަދި ނާޒުކު ހާލަތުގައިވާ އެންމެންވެސް( ޝާމިލްވާގޮތަށް، އެބައިމީހުންނާއި ގުޅޭކަންކަން ރާވާއިރު އެބައިމީހުންގެ އަޑުވެސް އަހާ، ރަޢުޔު ހޯދައިގެން ރޭވުންތައް ކުރިއަށްގެންދިޔުމެވެ.

އެސް.ބީ. ސީ. އަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން މި ޕޮރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވީ ޔުނިސެފްގެ ކޮންސަލްޓެންޓް އަލްފާޟިލާ ހައްވާ ޒާހިރާ ވިދާޅުވީ "އެސް.ބީ.ސީ. އަކީ  ފަރުދުންނާއި މުޖުތަމަޢު ތެރޭގައި ހުންނަ ނުވަތަ ހިނގާ ނޭދެވޭ އިޖުތިމާޢީ މައްސަލަތަކަށް އަމާޒުކޮށް އެކަންކަން ހައްލުކުރުމަށް މީހުންގެ އުޅުމާއި، ވިސްނުން ބަދަލުކުރުމުގައި ކުރެވިދާނެ ކަންތައްތަކާއި، އެކަން ހައްލުކުރާނެ އިސްތިރާޖީ އުކުޅުތައް ދަސްކޮށްދިނުން ކަމަށެވެ. އަދި އެސްބީސީގެ ހަރާކާތްތައް ކުރިއަށް ގެންދާއިރު ވިސްނަންޖެހޭނީ ކޮންމެރަށަކީވެސް އެއްއަތޮޅަކަށް ނިސްބަތްވިޔަސް ގިނަ ތަފާތުތަކާއި ގޮންޖެހުންތައް ހިމެނޭ ރަށްތައް ކަމުގައެވެ. އެހެންކަމާއި އެކު އެރަށެއްގެ ހާލަތު ދެނެގަނެ ދިރާސާކުރުމަށްފަހު، އެވިޑަންސް ނުވަތަ ހެކިތަކުގެ މައްޗަށްބިނާކޮށް އުޅުމާއި ވިސްނުންބަދަލު ކުރަން ހިންގޭ ކަންތައްތައް ވާންވާނީ އަޅާލާ، އޯގާތެރި މުޖުތަމައެއް ބިނާކުރުމަށްފުރުޞަތު ހޯދާދޭ، ޕޮޒިޓިވް ނުވަތަ މުޖުތަމައަށް ފައިދާކުރުވަނި، ބާރުވެރި މުޖުތަމައެއް ބިނާކޮށް، އެފަދަ ކަންތަކަށް ބާރުދޭ ޕްރޮގްރާމްތަކަކަށެވެ."

މި ޕޮރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވީ ޔުނިސެފްގެ ކޮންސަލްޓެންޓް އަލްފާޟިލާ ހައްވާ ޒާހިރާ އެވެ. މަސައްކަތު ބައްދަލުވުން ނިމިގެންދިޔައީ ކޮންމެ ރަށަކުންވެސް އެސްބީސީގެ އުސޫލުތައް ބޭނުންކުރެވޭނެ ޢަމަލީ ސިފަ ގެނެވޭނެ އެކްޝަންޕްލޭނެއް ރޭވުމަށްފަހުއެވެ.