މ.އަތޮޅު ހެލްތު ފޯރަމް ކާމިޔާބުކަމާއެކު ނިމިއްޖެ

މ. އަތޮޅުގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް މަޝްވަރާކުރުމަށް މ. އަތޮޅު ކައުންސިލުން އިންތިޒާމްކުރި މ. ހެލްތު ފޯރަމް މިއަދު ކާމިޔާބުކަމާއިއެކު ނިމިއްޖެއެވެ. މި ފޯރަމް ގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަލްފާޟިލް އަޙްމަދު ޢާދިލްއާއި، މ. ދިއްގަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިކްރާމް ޙަސަންއާއި، މ . މުލަކު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ނަޞީރާއި، މ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލާއި، މ. ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަޙްމަދު ނާފިޒާއި، މ. ދިއްގަރު، ވޭވަށް، މުލައް، މުލި، ނާލާފުށި އަދި ކޮޅުފުށީ ކައުންސިލް ތަކުގެ ރައީސުންނާއި، މ. ވޭވަށް، މުލައް، ނާލާފުށި އަދި ކޮޅުފުށީ ޞިއްޙީ މަރުކަޒުތަކުގެ ސިޔާސީ އިސްވެރިންނާއި، މ. އަތޮޅު ކައުންސިލާއި، މ. ރީޖަނަލް ހޮސްޕިޓަލްގެ ސިވިލްސާވިސްގެ އިސް މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ފޯރަމް ގައި މަޝްވަރާކުރެވުނު އެންމެ މުހިންމު ކަންކަމަކީ މ. ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅުކުރުމާއި، މ. އަތޮޅުގެ ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގެ ޙާލަތު ރަނގަޅުކޮށް، އަތޮޅުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޞިއްޙީ ޚިދުމަތްތައް އަތޮޅުން ފޯރުކޮށްދީ، އަތޮޅުގެ އެމްބިއުލާންސް ނެތް ރަށްރަށަށް އެމްބިއުލާންސް ފޯރުކޮށްދީ، އަތޮޅުން ކޮވިޑް 19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ޑޮކްޓަރުން ލިޔެދެއްވާ ބޭސް އަތޮޅުން ލިބިދިނުމަށް ބޭނުންވާ ކަންކަންކުރުމެވެ.  މީގެ އިތުރުން މ. ރީޖަނަލް ހޮސްޕިޓަލުން މިހާރަށްވުރެ ބޮޑަށް އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުގެ ކަންކަން ގާތުންބަލައި އެހީތެރިކަން ފޯރުކޮށްދީ، އަތޮޅު ކައުންސިލާއި، ރަށްރަށުގެ ކައުންސިލްތަކާއި، މ. ރީޖަނަލް ހޮސްޕިޓަލާއި، ރަށްރަށުގެ ޞިއްޙީ މަރުކަޒުތައް ގުޅިގެން ހެލްތު މިނިސްޓްރީގެ އެހީތެރިކަމާއެކު މ. އަތޮޅުގެ ޞިއްޙީ ޚިދުމަތަކަށް  ހެޔޮ ބަދަލްތަކެއް ގެނައުމަށް މަސައްކަތްކުރުމެވެ.