ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއެކު ބައްދަލުވުމެއް ބާއްވައިފި

ޤުދުރަތީގޮތުން ދިމާވާ ކާރިޘާތަކާއި ގުޅިގެން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާބެހޭ ގޮތުންނާއި، ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވުމާބެހޭ ގޮތުން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި މިފަދަ ކާރިޘާތައް ދިމާވުމުން އިސްކޮށް ހަރަކާތްތެރިވާނެ ކޮމިޓީތަކެއް ރަށްރަށުގައި އެކުލަވާލަން ބޭނުންވާކަމަށް އެ އޮތޯރިޓީއިން ފާހަގަ ކުރެއްވިއެވެ.

އަތޮޅު ކައުންސިލްގެ ރައީސް ވާހަކަފުޅުގައި މިއަތޮޅުގެ ރަށްރަށަކީ އުދަ އެރުމުގެ ކާރިޘާ ވަރަށްބޮޑަށް ދިމާވާ ރަށްރަށްކަމަށާ، އެހީތެރިވެދިނުމުގެ ގޮތުން ޕަމްޕް ކަހަލަ ވަޞީލާތްތައް ހޯދާފައި ބެހެއްޓުން މުހިއްމުކަމަށާ، އަދި 2020 ވަނަ އަހަރު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން މިއަތޮޅުގައި ހިންގުމަށް ރޭވިފައިވާ ކަންތައްތައް މިހިނގާ 2021 ވަނައަހަރު ކުރިއަށް ގެންދިއުމަށް ބޭނުންވާކަން ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް ޢުމަރު މޫސާ ފިކްރީ އަދި އެ އޮތޯރިޓީގެ އިސްވެރިންނާ، އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލު އަދި މ. އަތޮޅު ރަށުކައުންސިލްތަކުގެ ރައީސުންގެ އިތުރުން އަތޮޅު ކައުންސިލްގެ އިދާރާގެ ސީނިއަރ ކައުންސިލް އެގްޒެކްޓިވް މުޙައްމަދު ނިޔާޒް، ކައުންސިލް އެގްޒެކްޓިވް މުޙައްމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.