ކޮވިޑް 19 އާއި ގުޅިގެން މ. އަތޮޅަށް ހަމަޖައްސަވާފައިވާ މަންދޫބު މ.އަތޮޅުގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރައްވައިފި

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އަތޮޅުތަކުގެ ޙާލަތު ބެލުން އިތުރަށް ހަރުދަނާ ކުރުމަށާއި، ކޯޑިނޭޝަން އިތުރަށް ރަނގަޅު ކުރުމަށްޓަކައި އަތޮޅުތަކަށް ސަރުކާރުން މަންދޫބުން ހަމަޖެއްސެވުމާ ގުޅިގެން މިއަތޮޅުގެ މަންދޫބަކަށް ހަމަޖައްސަވާފައިވާ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިޙްސާން މ.އަތޮޅުގެ ކޮވިޑް 19 ގެ ކަންކަމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކާބައްދަލު ކުރައްވައިފިއެވެ.  މިރޭ 21:00 ގައި އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި މ. އަތޮޅު ކައުންސިލްގެ ރައީސްއާއި، މ.އަތޮޅު ރަށު ކައުންސިލްތަކުގެ ރައީސުންނާއި، ޞިއްޙީ މުއައްސަސާތަކުގެ ވެރިންނާއި، މ. އަތޮޅު ޕޮލިސް ކޮމާންޑަރ، މުލީ އެމް.އެން.ޑީ.އެފް ޕޯސްޓްގެ ވެރިޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މިއަތޮޅުގައި ކޮވިޑް-19 ކޮންޓްރޯލް ކުރެއްވުމަށް ކައުންސިލްތަކާއި، ޓާސްކްފޯސްތަކާއި ގުޅިގެން މަސައްކަތް ކުރުމާމެދު މަޝްވަރާ ކުރެވުނެވެ. މިގޮތުން މުލީ ރީޖަނަލްހޮސްޕިޓަލްގެ މެނޭޖަރ އަޙުމަދު ނާފިޒުގެ ވާހަކަ ފުޅުގައި ޞިއްޙީ ޚިދުމަތް ދިނުމުގައި ވަޞީލަތްތައް މަދުވުމުގެ ސަބަބުން ދަތިތަކެއް ހުރިކަމަށާ، މުލީ ރީޖަނަލް ހޮސްޕިޓަލްގެ އައި.ސީ.ޔޫގައި ފަރުވާދިނުމަށް ހުންނަނީ އެންމެ އެނދެއްކަމަށާ، އަތޮޅުގައި ކޮވިޑް ފެސިލިޓީއެއް ވަރަށް އަވަހަށް ޤާއިމްކުރުން މުޙިއްމު ކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ޕީ.ސީ.އާރު މެޝިން ލިބި އިންސްޓޯލް ކުރުމުގައި ދަތިތަކެއް ހުރުމުން އެކަން ނުކުރެވި ހުރިކަމަށްވެސް ނާފިޒު ވިދާޅުވިއެވެ.

އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރ ޖެނެރަލްގެ ވާހަކަފުޅުގައި އަތޮޅުގެ ރަށްރަށުގައި ހުރި އެސް.ޓީ.އޯ ފާރމަސީ ތަކުގައި ބައެއް ބޭސް ނެތްކަން ފާހަގަ ކުރައްވައި، އަދި ވީއެންމެ އަވަހަކަށް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިއުން އެދޭ ކަމުގައި ވިދާޅުވިއެވެ.

ބައްދަލުވުމުގެ އެހެން ބައިވެރިންވެސް މުލީ ރީޖަނަލްހޮސްޕިޓަލްގެ ޚިދުމަތް ރަނގަޅު ކުރުމާ، އަދި އަތޮޅު އެހެން ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގެ ޚިދުމަތް ރަނގަޅުކޮށް އަދި އަތޮޅުގައި ކޮވިޑް ފެސިލީޓީއެއް ޤާއިމްކުރުމުގެ މުޙިއްމުކަން ފާހަގަ ކުރެއްވިއެވެ.

އަތޮޅު މަންދޫބުގެ ވާހަކަފުޅުގައި، ޚިދުމަތް ދިނުމުގައި ހުރި ދަތިތަކާބެހޭގޮތުން ކޮންމެރަށަކަށް ވަކިން ގުޅުންވަމުން ގެންދަވާނެކަމަށާ، ހުރިހާ ރަށަކުންވެސް އެދިލައްވާ ކަންކަން ރަނގަޅުކުރުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި އެޗް.ޕީ.އޭގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް ވިދާޅުވިއެވެ.