ޕާކިސްތާން ސަރުކާރުގެ އެހީގައި މ. މުލީގައި މ. އަތޮޅު ކައުންސިލްގެ ފަރާތުން ޢިމާރާތްކުރާ "ޤާޢިދޭ އަޢުޒަމް މުޙައްމަދު ޢަލީ ޖިނާހް މެމޯރިއަލް ޕާކިސްތާން- މޯލްޑިވްސް ކޮމިއުނިޓީ ސެންޓަރ" ގެ ބިންގާ 2022 ފެބުރުއަރީ 13 ވީ އާދީއްތަ ދުވަހު އަޅައިފި

ޕާކިސްތާން ސަރުކާރުގެ އެހީގައި މ. މުލީގައި މ. އަތޮޅު ކައުންސިލްގެ ފަރާތުން ޢިމާރާތްކުރާ "ޤާޢިދޭ އަޢުޒަމް މުޙައްމަދު ޢަލީ ޖިނާހް މެމޯރިއަލް ޕާކިސްތާން- މޯލްޑިވްސް ކޮމިއުނިޓީ ސެންޓަރ" ގެ ބިންގާ 2022 ފެބުރުއަރީ 13 ވީ އާދީއްތަ ދުވަހު އަޅައިފިއެވެ.

މި ކަމަށްޓަކައި މ. މުލީގައި ބޭއްވުނު ރަސްމިއްޔާތުގައި މި ސެންޓަރގެ ބިންގާ އަޅުއްވައިދެއްވީ ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒްއެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔާޑް)  އަތަރު މުޚްތާރާއި،  އާއި މުލަކަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ނިމާލެވެ. މި ރަސްމިއްޔާތުގައި ޕާކިސްތާން ސަފީރުގެ އަރިހުގައި އެމަނިކުފާނުގެ ނާއިބު ޒުލްޤަރްނައިން އަޙްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޚާއްޞަ މެޙްމާނުންގެ ގޮތުގައި މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ނާޞީރާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިކްރާމް ޙަސަންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޕާކިސްތާން ސަރުކާރުން މި ކޮމިއުނީ ސެންޓަރ ޢިމާރާތްކުރެއްވުމަށް ވެދެއްވާ 2،621،400.00ރ (ދެ މިލިއަން ހަ ލައްކަ އެކާވީސް ހާސް ހަތަރު ސަތޭކަ ދިވެހި ރުފިޔާ) އެހީގެ ޗެކް ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒްއެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔާޑް)  އަތަރު މުޚްތާރުވަނީ މުލަކަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ނިމާލާ ހަވާލުކޮށްދެއްވާފައެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒްއެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔާޑް)  އަތަރު މުޚްތާރު ދެއްކެވިވާހަކަފުޅުގައި ވިދާޅުވީ "ޤާޢިދޭ އަޢުޒަމް މުޙައްމަދު ޢަލީ ޖިނާހް މެމޯރިއަލް ޕާކިސްތާން- މޯލްޑިވްސް ކޮމިއުނިޓީ ސެންޓަރ" ގެ ބިންގާ އަޅުއްވައިދެއްވުނީތީ އުފާފުޅުކުރައްވާ ކަމަށާއި މި ކޮމިއުނިޓީ ސެންޓަރަކީ ޕާކިސްތާނުގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ އަޚުންނާ އުޚުތުންނަށް ފޯރުކޮށްދެއްވި ހަދިޔާއެއްކަމަށެވެ. ވާހަކަފުޅު އިތުރަށް ކުރިޔަށް ގެންދަވަމުން ސަފީރުވިދާޅުވީ ޕާކިސްތާނާ ދިވެހިރާއްޖެއާ ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުމަކީ، ދެޤައުމުން ޚިއްޞާކުރާ އެއްގޮތްކަން ކަންކަން ކަމުގައިވާ އިސްލާމީ ވަޙްދަތާއި،އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމާއި އިތުބާރުގެމައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށެވެ. އަދި މި ބިންގާއެޅުނު ކޮމިއުނިޓީ ސެންޓަރަކީ ޕާކިސްތާނާ ދިވެހިރާއްޖެއާ ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން ދޭހަކޮށްދޭނެ އިތުރު ބިނާއެއްކަމަށެވެ. ސަފީރު ފާހަގަކުރެއްވި ގޮތުގައި

 

ޕާކިސްތާނު ސަރުކާރުން ގެންދަވަނީ ތަޢުލީމާއި، ޞިއްޙަތާއި، ކުޅިވަރާއި، އިންސާނީ ވަޞީލަތް ކުރިއެރުވުމާއި، އިޖްތިމާޢީ ހަމަޖެހުމާއި މީހުން ބިނާކުރުމުގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުނެނެވެ. އަދި ދިވެހި ރާއްޖޭގެ އަޚުންނާއި އުޚުތުންނަށް އެހީތެރިވުމުގައި ޕާކިސްތާނު ހައިކޮމިޝަނުން އަބަދުމެ ދެމިތިބޭނެ ކަމުގެ ޔަޤީންކަންވެސް އެމަކިކުފާނުދެއްވިއެވެ. އަދި މުލިން އެމަނިކުފާނާއި، އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް ދެންނެވި ހޫނު މަރުހަބާއާއި، އަދާކުރި މެހްމާންދާރީއަށްޓަކައި މ. އަތޮޅުގެ ރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ.

މ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލުގެ ވާހަފުޅުގައި ޕާކިސްތާންގެ ރައްޔިތުން ވެދެއްވި ދީލަތި އެހީއަށްތަކައި ޝުކުރުވެރިވާކަމަށް ވިދާޅުވެ މިފަދަ ކޮމިއުނިޓީ ސެންޓަރެއްގެ ބެނުންތެރިކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މި ކޮމިއުނިޓީ ސެންޓަރު ވެގެންދާނީ މުއްޔަށް ބޭސްފަރުވާޔަށް އަންނަފަތްކަށް ހިޔާވެހިކަންދޭނެ ޢިމާރާތެއްގެ އިތުރުން، އެކި އެކި ޓްރެއިނިންގތަކާއި، ހަފްލާތަކާއި، އަދި މީހުން ބިނާކުރުމާއި، ބައްދަލުވުންތައް ބާއްވާނެ ޢިމާރާތެއްކަމަށެވެ. އަދި މ. އަތޮޅު ވަނީ މިފަދަ ޢިމާރާތަކަށް ނިހާޔަތަށް ބޭނުންޖެހިފައިކަމަށް ވިދާލުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ "ޤާޢިދޭ އަޢުޒަމް މުޙައްމަދު ޢަލީ ޖިނާހް މެމޯރިއަލް ޕާކިސްތާން- މޯލްޑިވްސް ކޮމިއުނިޓީ ސެންޓަރ" ބިނާކުރުމުގެ މަސައްކަތް ޚާއްޞަ އިސްކަމެއްދީގެން ކަނޑައެޅިފައިވާ ދުވަހަށް ނިންމާ މި ސެންތަރުގެ ބޭނުން އަތޮޅުގެ ރައްޔިތުންނަށް އެންމެ އަވަހަށް ހިފޭނެގޮތަކަށް މަސައްކަތްކުރަށްވާނެކަމަށެވެ.

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ ނާއިބު ޒުލްޤަރުނައިން އަޙްމަދުގެ ވާހަކަފުޅުގައި ވިދާލުވީ "ޤާޢިދޭ އަޢުޒަމް މުޙައްމަދު ޢަލީ ޖިނާހް މެމޯރިއަލް ޕާކިސްތާން- މޯލްޑިވްސް ކޮމިއުނިޓީ ސެންޓަރ" ގެ ބިންގާ އެޅިގެން ދިޔަކަމަށްޓަކައި މ. އަތޮޅުގެ ރައްޔިތުންނަށް މަހުރަބާ ވިދާޅުވާ ކަމަށާއި، މި ޢިމާރާތުގެ ފައިދާ މ. އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މި ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް މ. އަތޮޅުކައުންސިލުން ކަނޑައެޅިފައިވާ މުއްދަތަށް ނިންމާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށެވެ. އަދި ރަސްމިއްޔާތުގެ އިންތިޒާމްތަށް ފުރިހަމަކަންވެސް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ނާޞީރުގެ ވާހަފުޅުގައި މ. އަތޮޅު ރައްޔިތުންގެފަރާތުން ޕާކިސްތާނު ސަފީރާއި، އެ މަނިކުފާނުގެ ވަފުދަށް މަރުހަބާ ދެންނެވުމަށްފަހު ޕާކިސްތާނު  ސަރުކާރުން މ. އަތޮޅުގެ  ރައްޔިތުން  ވެދެއްވި ދީލަތި އެހީއަށްޓަކައި ޕާކިސްތާނުގެ ސަފީރާއި، ޕާކިސްތާން ސަރުކާރާއި، އަދި ޕާކިސްތާންގެ ރައްޔިތުންނަށް ޝުކުރުވެރިވާކަމަށް ވިދާޅުވިއެވެ. އަދި މ. އަތޮޅުގެ ރައްޔިތުން ވަނީ  މިފަދަ ކޮމިއުނިޓީ ސެންޓަރަކަށް އިންތިހާއަށް ބޭނުނެޖެހިފައިކަމަށް ވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިކްރާމް ޙަސަން ދެއްކެވި ވާހަކަފުޅުގައި ޕާކިސްތާނު ސަރުކާރުން ދެއްވިފަދި ދީލަތި އެހީއެއް އެހެން އެއްވެސް ފަރާތަކުން މިހާތަނަށް މ. އަތޮޅުގެ ރައްޔިތުންނަށް ލިބިފައިނުވާކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ އިޖްތިމާޢީ ކަންކަމުގައި ޕާކިސްތާނުން ދިވެހިރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށްޓައި ޕާކިސްތާން ސަފީރާއި ޕާކިސްތާންގެ ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މި ސެންޓަރުގެ ފައިދާ މ. އަތޮޅުގެ ރައްޔިތުންނަށް އެތައްގޮތަކުން ލިބިގެންދާނެކަމުގައި ފާހަގަކުރެއްވިއެވެ.