ވިހާމަރުވާ މީހުންގެ ރެކޯޑް ގެމެން ޕޯޓަލް މެދުވެރިކޮށް ބަލަހައްޓަން ފަށަނީ

ދިވެހިރާއްޖޭގައި ވިހާމަރުވާ މީހުންގެ މަޢުލޫމާތު ދުވަހުން ދުވަހަށް ރެކޯޑްކޮށް ބެލެހެއްޓޭނެ ޒަމާނީ ޓެކެނޮލޮޖީގެ ނިޒާމެއް ޤާއިމުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާއި ކައުންސިލްތައް ގުޅިގެން "ގެމެން"ގެ ނަމުގައި އޮންލައިން ޕޯޓަލްއެއް ތައްޔާރުކޮށް އެ ޕޯޓަލްއަށް ކައުންސިލްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުން އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެހީގައި އަތޮޅުތަކުގައި ކުރިއަށް އެބަގެންދެއެވެ.
މި ޕްރޮގްރާމް މ. އަތޮޅު ކައުންސިލްގެ އައި.ޓީ ޓީމުންވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ކަމާގުޅޭ މުވައްޒަފުގެ އެހީތެރިކަމާއެކު މިއަތޮޅުގެ މުއްޔާއި، މުލަކާއި، ނާލާފުށީގައި ކުރިއަށް ގެންގޮސްފައެވެ. އެއަށް ފަހު މި އިދާރާގެ އައި.ޓީ ޓީމުންވަނީ އަތޮޅުގެ އަނެއް ފސްރަށް ކަމުގައިވާ ދިއްގަރު، މަޑުއްވަރި ، ރަތްމާދޫ ، ވޭވަށް އަދި ނާލާފުށީގެ ކައުންސިލްގެ މުވައްޒަފުންނާއި ސިއްޙީ މަރުކަޒުގެ މުވައްޒަފުންނަށް ފާއިތުވި ޑިސެމްބަރ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ތަމްރީންދީ ނިންމާފައެވެ.
" ގެމެން " ޕޯޓަލް މެދުވެރިކޮށް ވިހާމަރުވާ މީހުންގެ ރެކޯޑްތައް ބެލެހެއްޓުމުގެ އިތުރަށް މި ނިޒާމުގެ ތެރެއިން އުފަންދުވަހުގެ ރަޖިސްޓްރީއާއި އުފަން ދުވަހުގެ ސެޓްފިކެޓް ދުވަހުން ދުވަހަށް ތައްޔާރު ކުރުމުގެ ގާބިލްކަން މި ޕޯޓަލްގެ ތެރެއިން ލިބިގެންދާނެއެވެ.
ވުމާއެކު ވިހާމަރުވާ މީހުންގެ ރެކޯޑްތައް ފޮތުގައި ލިއެގެން ބެލެހެޓުން ނިމުމަކަށް އައިސް، އުފަންދުވަހުގެ ރަޖިސްޓްރީއާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ޢާއްމުރައްޔިތުން އުފުލަމުން އައި ތަކުލީފުތައް ނިމި އިދާރާތަކަށްވެސް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ.