މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ހަވީރީހިނގުން. މ.މުލި، ދިވެހިރާއްޖެ، 11050

ޚަބަރުނޫސްބަޔާން

ރައީސުލްޖުމްހޫރިއްޔާ މިއަތޮޅު މުލީ އެއަރޕޯޓް ހުޅުއްވައި ދެއްވައިފި.

މ. މުލީ އެއަރޕޯޓް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު  ހުޅުވައި ދެއްވައިފިއެވެ. މިކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ މުއްޔަށް ވަޑައިގެންނެވީ މި މަހު 20 ވީ އަންގާރަދުވަހުއެވެ. މ. މުލީ އެއަރޕޯޓް ހުޅުއްވައިދެއްވުމުގެ އިތުރުން މިދަތުރުފުޅުގައި  ރައީސުލް ޖުމްހޫރިއްޔާވަނީ މުލި އަދި ނާލާފުށި ގުޅާލުމަށް ހަދާ ކޯޒްވޭގެ ޢަމަލީ މަސައްކަތް ފައްޓަވައި ދެއްވައި، 2024 ވަނަ އަހަރު އެޕްރީލް 14 ވަނަ ދުވަހު ބިންގާއެޅި  މުލީ ރީޖަނަލް ހޮސްޕިޓަލްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތްވެސް ވަނީ ފަށްޓަވައިދެއްވާފައެވެ.

އެއަރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެޑައިގެންނެވި ފަރާތްތަކުގެ ތެރޭގައި ދަޢުލަތުގެ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާއި، މ. އަތޮޅު ކައުންސިލްގެ ރައީސާއި، މ. މުލި، މުލައް އަދި ނާލާފުށީ ކައުންސިލްގެ ރައީސްގެ އިތުރުން ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، މ. އަތޮޅާއި، މުލީގެ ގިނަރައްޔިތުންހިމެނެއެވެ.

މ.އަތޮޅު ހިމެނުނީ ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރޭގައެވެ. މުލީގައި ހުޅުވިގެން މިދިޔަ އެއަރޕޯޓާއެކު އަތޮޅުގެ ރައްޔިތުން ޒަމާނުއްސުރެ ދެކެމުންއައި އުންމީދެއްގައި ކުލަޖެހުނީއެވެ. މުލީގައި ހުޅުވުނު މި އެއަރޕޯޓާއެކު ދަތުރު ފަތުރު ފަސޭހަވެ، މ. އަތޮޅުގެ އިޤްތިޞާދު ފުޅާވެގެން ދާނެއެވެ. މީގެ އިތުރުން އިމަޖެންސީގައި ކަނޑުމަގުން މާލެއަށް ބަލިމީހުން ގެންދިއުމަށް އުފުލަމުން ދިޔަ ތަކުލީފުތަކަށް ލުއިލިބިގެންދާނެއެވެ.

އެންމެފަހުގެ ޒަމާނީ ޚިދުމަތްތަކާއި ވަސީލަތްތަކާއެކު ޤާއިމުކޮށްފައިވާ މި އެއަރޕޯޓުގެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއި ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢު އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2021 ގައެވެ. އަދި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ހަމަ އެއަހަރުގެ އޮގަސްޓުމަހުގެ ތެރޭގައެވެ. 2023 ވަނަ އަހަރު ނިމުނުއިރު މުލީ އެއަރޕޯޓްގެ މަސައްކަތު ގާތްގަނޑަކަށް އަށްޑިހައިން ސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

މި އެއަރޕޯޓުގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއަކާއި، ފްލައިޓްތައް ޕާކުކުރާނެ އޭޕްރަން ވަނީ ތަރައްޤީކޮށްފައެވެ. އަދި ފަހުގެ ޒަމާނީ ޑިޒައިނަކަށް ފަރުމާކޮށްފައިވާ ޕަސެންޖަރ ޓަރމިނަލަކާއި، ކޮންޓްރޯލް ޓަވަރާއި، އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ އެނޫންވެސް ވަސީލަތްތައް ވަނީ ޤާއިމުކޮށްފައެވެ. މިއީ ޑޮމެސްޓިކް އުދުހުންތަކަށް ޚާއްޞަކުރެވިގެން ހަދާފައިވާ އެއަރޕޯޓެކެވެ. މުލީގެ އެއަރޕޯޓަށް ޓެސްޓު ފްލައިޓް ޖައްސާފައިވަނީ މިދިޔަ އޭޕްރީލްމަހުގެ 25 ވަނަ ދުވަހުއެވެ. އަދި މުލީ އެއަރޕޯޓަށް ކޮމަރޝަލް ދަތުރުތައް މޯލްޑިވިއަނުން މިމަހުގެ 24 ގައި ފެށުމަށް ވަނީ ހަމަޖައްސާފައެވެ. މޯލްޑިވިއަންގެ ދަތުރުތައް މުލީ އެއަރޕޯޓަށް ކުރުމަށް މިވަގުތު ހަމަޖައްސާފައިވަނީ ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރު ދުވަހުއެވެ. މި ދަތުރުތައް ފެށުމުން ދަތުރުފަތުރުގެ ލުއިފަސޭހަކަން މިއަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެކަން ފާހަގަކުރެވެއެވެ.