މ.އަތޮޅު ކައުންސިލްގެ 28 ވަނަ ޤުރުއާން މުބާރާތް ބާއްވައިފި

މ.އަތޮޅު ކައުންސިލްގެ 28 ވަނަ ޤުރުއާން މުބާރާތް 2024 އޮގަސްޓް 01 އިން 03 އަށް މިއަތޮޅު ދިއްގަރުގައި ބާއްވައިފިއެވެ. 149 ދަރިވަރުން ބައިވެރިވި މި މުބާރާތުގައި ކިޔެވީ 145 ދަރިވަރުންނެވެ.  މި މުބާރާތް ހޯސްޓް ކުރުމަށް އަތޮޅު ކައުންސިލުން ހުޅުވާލުމުން އެފުރުޞަތު ހޯދީ މ.ދިއްގަރު ކައުންސިލުންނެވެ.

މ. އަތޮޅުގެ 07 ސްކޫލާއި، 2 ޤުރުއާން ކުލާހުން މުބާރާތުގައި ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރުގެ މުބާރާތެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތުންވެސް އެއްވަނަ ހޯދީ މ. ދިއްގަރު ސްކޫލެވެ. އަދި ދެވަނަ ހޯދީ މ.އަތޮޅު ތަޢުލީމީ މަރުކަޒެވެ. މި މުބާރާތުގެ  ތިންވަނަ މިފަހަރު ހޯދާފައިވަނީ މ. އަތޮޅު މަދުރަސާއެވެ.

މުޅި މުބާރާތުގެ 1 ވަނަ ދަރިވަރަކަށް ހޮވުނީ މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 10 ގެ ދަރިވަރު މުޙައްމަދު ހޫދު އަޙްމަދެވެ.

މި މުބާރާތް ޝަރަފަވެރި ކޮށްދެއްވީ ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝަކީލެވެ.