މ.އަތޮޅުގެ ކައުންސިލްތަކާއި ރައްޔިތުންގެ ފަރާތުން 200،000.00 ދެލައްކަ ރުފިޔާގެ އެހީއެއް ޕާކިސްތާނަށް!

ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ހިނގައިދިޔަ ހާދިސާތަކުގައި ފެންބޮޑުވެ އެގައުމުވަނީ ނާޒުކު ޙާލަތަކަށް ވެއްޓިފައެވެ. އެ ޤައުމުގެ އެތައް މިލިޔަން މީހުންނަށް އަވަސް އިންސާނީ އެހީތެރިކަން ބޭނުންވެފައިވާކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

އެ ހިތާމަވެރި ހާދިސާއާއި ގުޅިގެން ޙާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް މ. އަތޮޅުގެ ކައުންސިލްތަކާއި ރައްޔިތުން އަދި ބައެއް ކުންފުނިތަކުގެ ފަރާތުން އެހީގެގޮތުގައި 200،000.00 (ދެލައްކަ ރުފިޔާ) ހަދިޔާކޮށްފައިވެއެވެ. މި ރަސްމިއްޔާތު ބޭއްވިފައިވަނީ މިއަދު ހެނދުނު ޕާކިސްތާން ހައިކޮމިޝަންގައެވެ.

މި ރަސްމިއްޔާތުގައި މ.އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ރައްޔިތުންގެ ފަރާތުން ޕާކިސްތާނުގެ ރައްޔިތުންނަށް އެހީގެ ގޮތުގައި ލިބިފައިވާ ދެލައްކަ ރުފިޔާގެ ޗެކް ޕާކިސްތާނުގެ އެކްޓިންގ ހައިކޮމިޝަނަރު ޒުލްޤަރުނައިން އަޙްމަދާއި ޙަވާލުކޮށްދެއްވީ މ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ނިމާލެވެ.

ރައީސް ނިމާލު ދެއްކެވި ވާހަކަފުޅުގައި ޕާކިސްތާނުގެ ރައްޔިތުންނަށް އެހީތެރިވެދިނުމަކީ މ.އަތޮޅުގެ ކައުންސިލްތަކާއި ރައްޔިތުންނަށް ލިބޭ ވަރަށް މަތިވެރި އުފަލެއްކަން ފާހަގަ ކުރެއްވިއެވެ. އަދި ޕާކިސްތާނުގެ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ދެއްވަމުން ގެންދަވާ އެހީތެރިކަން އަދި ޚާއްޞަކޮށް އިޖުތިމާޢީ އަދި ސިއްޙީ ދާއިރާއަށް ދެއްވާ އެހީތެރިކަން ފާހަގަ ކެރެއްވިއެވެ.

ޕާކިސްތާނުގެ އެކްޓިންގ ހައިކޮމިޝަނަރުގެ ވާހަކަފުޅުގައި ދިވެހި ރައްޔިތުންގެ ފަރާތުން ޕާކިސްތާނުގެ ޙާލުގައި ޖެހުނު ރައްޔިތުންނަށް ލިބެމުންދާ އެހީތެރިކަން ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެއްވިއެވެ. އޭނާގެ ވާހަކަފުޅުގައި މި ދަތި އުނދަގޫ ވަގުތުގައި ދިވެހިރައްޔިތުންގެ ފަރާތުން ލިބޭ ކިތައްމެ ކުޑަ އެހީއަކުންވެސް ދޭހަވަނީ ދިވެހި ރައްޔިތުންގެ ހިތުގައި ޕާކިސްތާނުގެ ރައްޔިތުންނަށް މަތިވެރި ލޯތްބާއި، ޕާކިސްތާނުގެ ރައްޔިތުން ކުރަމުންދާ އިޙުސާސްތައް ދިވެހި ރައްޔިތުންވެސް ކުރަމުންދާކަމެވެ. އަދި އެކަން ވަރަށް އުފަލާއިއެކު ބަލައިގަންނަކަން ފާހަގަ ކުރެއްވިއެވެ.

އަދި ދެޤައުމުގެ މެދުގައިވާ އިސްލާމީ އަޚްވަންތަކަން ވަރުގަދަކަން ފާހަގަ ކުރައްވައި ޕާކިސްތާނުން ދިވެހިރާއްޖެއަށް ހެޔޮއެދޭކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ދިވެހި ރައެޔިތުންގެ ފަރާތުން މިވަގުތު ލިބެމުންދާ ތަފާތު އެހީތެރިކަމާއި މަދަދުވެރިކަން ފާހަގަ ކުރައްވައި ހުރިހާ ފަރާތްތަކަށް ޝުކުރު ދެންނެވިއެވެ.

މި ރަސްމިއްޔާތު ނިމުނީ މ.އަތޮޅު ކައުންސިލާއި ޕާކިސްތާނުގެ ހައިކޮމިޝަނާއި ގުޅިގެން މ.އަތޮޅު މުލީގައި ޢިމާރާތްކުރާ ޤައިދޭ އަޢުޒަމް މުޙައްމަދު ޢަލީ ޖިނާހު މެމޯރިއަލް ޕާކިސްތާން-މޯލްޑިވްސް ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް ހިންގަމުންދާ ގޮތާއިބެހޭގޮތުން ދެފަރާތުން މަޝްވަރާކުރުމަށް ފަހުގައެވެ.