މިނިސްޓަރ އޮފް ޓޫރިޒަމް މުލަކަތޮޅަށް ވަޑައިގެންފި

މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުސޫމް ރަސްމީ ދަތުރުފުޅެއްގައި މުލަކަތޮޅުގެ ހުރިހާ ރަށްރަށަށް ޒިޔާރަތް ކުރައްވައިފިއެވެ. މިނިސްޓަރގެ މި ދަތުރުފުޅުގައި މ. އަތޮޅުގެ ރަށްރަށުގެ ފަތުރުވެރިކަމުގެ ޙާލަތު ބައްލަވާލައްވައި، ރަށްރަށުގައި ފަތުރުވެރިކަން ތަރައްޤީކުރެވޭނެ ސަރަޙައްދުތަކަށް ޒިޔާރަތް ކުރެއްވިއެވެ.  އަދި ޓޫރިޒަމް ލޯކަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން ޕްރޮޖެކްޓްގެ ދަށުން ރަށްތައް ޕްލޭންކޮށް ތަރައްޤީ ކުރުމާބެހޭ ގޮތުން މ. އަތޮޅުގެ ހުރިހާ ރަށުކައުންސިލްތަކާ، ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ، އަދި ފަތުވެރިކަމަށް އިންވެސްޓްކޮށްފައިވާ އަދި އިންވެސްޓްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކާ މަޝްވަރާތަށް ކުރެއްވިއެވެ.

 

މިދަތުރުފުޅުގައި މިނިސްޓަރ ގެ އަރިހުގައި މިނިސްޓްރީގެ އިސްވެރިންނާއި، މުލަކު ދާއިރާގެ އިއްޒަތްތެރި މެންބަރ އިބްރާޙިމް ނަޞީރާއި، ދިއްގަރު ދާއިރާގެ އިއްޒަތްތެރި މެންބަރ އިކްރާމް ޙަސަން އަދި މުލަކަތޮޅު އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލް ބައިވެރިވެވަޑައިގެންނެވިއެވެ. 2021 ސެޕްޓެމްބަރ 01 ވަނަ ދުވަހަ ފެށްޓެވި މި ދަތުރުފުޅު ނިންމަވާލެއްވީ ސެޕްޓެމްބަރ 04 ވަނަ ދުވަހުއެވެ.