މި ކައުންސިލުން މ. އަތޮޅު ކައުންސިލާއި، މ. އަތޮޅުގެ ރަށު ކައުންސިލްތަކަށް އަލަށް އިންތިޚާބުވި ރައީސުންނާއެކު ބައްދަލުވުމެއް ބާއްވައިފި

މި ކައުންސިލުން  މ. އަތޮޅު ކައުންސިލާއި، މ. އަތޮޅުގެ ރަށު ކައުންސިލްތަކަށް އަލަށް އިންތިޚާބުވި ރައީސުންނާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ. 2021 މެއި 06 ވަނަ ދުވަހުގެ 10:00 އިން 12:00 އަށް  އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި  މި ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މި ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލް އަޙްމަދު ޙަސަނާއި، ކައުންސިލް އިދާރާގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު ނިޔާޒާއި، އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޒާހިރެވެ. މި ބައްދަލު ވުމުގައި މ. އަތޮޅު ކައުންސިލްގެ އިންތިޚާބީ ރައީސް މުޙައްމަދު ނިމާލާއި، މ. ރަތްމަންދޫ ކައުންސިލްގެ އިންތިޚާބީ ރައީސް އިސްމާޢީލް ނާހިދާއި، މ. ވޭވަށު ކައުންސިލްގެ އިންތިޚާބީ ރައީސް މަމްދޫހު ވަޙީދާއި،  މ. މުލަކު ކައުންސިލްގެ އިންތިޚާބީ ރައީސް އަޙްމަދު ޖަމާލާއި، މ. މުލީ ކައުންސިލްގެ އިންތިޚާބީ ރައީސް ޝަމްޢޫން ރަމީޒާއި، މ. ނާލާފުށީ ކައުންސިލްގެ އިންތިޚާބީ ރައީސް އަޙްމަދު ޒުބައިރާއި، މ. ކޮޅުފުށީ ކައުންސިލްގެ އިންތިޚާބީ ރައީސް ޢަބްދުލް ޢަލީމާއި، މ. ދިއްގަރު ކައުންސިލްގެ އިންތިޚާބީ ރައީސް އަޙްމަދު ނިޝާނާއި، މ. މަޑުއްވަރީ ކައުންސިލްގެ އިންތިޚާބީ ރައީސް އިސްމާޢީލް ނާފިޢު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމަކީ ކައުންސިލް ބަދަލުވާ މަރުހަލާގައި ބޭއްވުމަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީން އިރުޝާދު ދެއްވާފައިވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ ބޭނުމަކީ އަލަށް އިންތިޚާބުވި ކައުންސިލް މެންބަރުންނަށް މ. އަތޮޅު ކައުންސިލްގެ މަސައްކަތްތައް ރޭވިފައިވާގޮތާއި، ކައުންސިލް ހިނގާ ގޮތުގެ ފުރިހަމަ މަޢުލޫމާތު އެރުވުމެވެ. މީގެއިތުރުން ކައުންސިލްގެ މަސައްކަތާ ބެހޭގޮތުން އަލަށް އިންތިޚާބުވި ކައުންސިލަރުން ކުރެއްވި ސުވާލުތަކަށް މި ބައްދަލުވުމުގައި ޖަވާބުއެރުވުނެވެ. މިއަދުގެ ބައްދަލުވުން ނިންމާލީ މިފަދަ ދެވަނަ ބައްދަލުވުމެއް މި މަހު 09 ވާ އާދީއްތަ ދުވަހު ހެނދުނު 10:00 އިން 12:00 ބޭއްވުމަށް އެއްބަސްވުމަށް ފަހުއެވެ.