މ. އަތޮޅުތެރޭ ދަތުރުކުރާ އެމް.ޓީ.ސީ.ސީ ދޯނި ފެރީން މުދާ ގެންދިއުމަށް ހުރި ދަތިތައް ޙައްލުކުރުމަށް މަޝްވަރާކޮށްފި!

މ. އަތޮޅުތެރޭގައި ސަރުކާރުން އޮޕަރޭޓްކުރައްވަމުންގެންދަވާ އެމް.ޓީ.ސީ.ސީ ފެރީއިން ފަސިންޖަރުން ނޫން މީހުންގެ މުދާ އެއްރަށުން އަނެއް ރަށަށް ގެންދޭވޭނެ ގޮތެއްމަޖެއްސޭތޯ ބެލުމަށް އެމެ.ޓީ.ސީ.އާ އެކު މުލަކަތޮޅު އަތޮޅު ކައުންސިލާ، މި އަތޮޅުގެ ރަށްރަށުގެ ކައުންސިލްތައް ހިމެނޭ އޮންލައިން ބައްދަލުމުމެއް 2021 ފެބްރުއަރީ 16 ވަނަ ދުވަހު 13:00 އިން 14:30 އަށް މި ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި އެމް.ޓީ.ސީ.ސީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ޗީފް އެގްޒެކްޓިވް އޮފިސަރ އަލްފާޟިލް އާދަމް ޢާޒިމާއި، ޗީފް އޮޕަރޭޓިން އޮފިސަރ އަލްފާޟިލް ޝާހިދު ޙުސައިން މޫސާއާއި، ޓްރާންސްޕޯޓް ސަރވިސް ޑިވިޒަންގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް މުޙައްމަދު ނާޒިމެވެ. މުލަކަތޮޅު އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ނާއިބު ރައީސް އަލްފާޟިލް އަޙްމަދު ޙަސަނާއި، ކައުންސިލްގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު ނިޔާޒާއި، ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޒާހިރާއި، އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޒާހިރާއި، ޕްރޮޖެކްޓް އޮފިސަރ އަލްފާޟިލް އަޙްމަދު ކަމާލެވެ. ރަށު ކައުންސިލްތަކުގެ ފަރާތުން އެ ކައުންސިލެއްގެ ރައީސް ނުވަތަ ނައިބު ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މި ކައުންސިލާ ރަށު ކައުންސިލްތަކުން ފާހަގަކުރި މައިގަނޑު ކަންބޮޑުވުންތަކަކީ ކުރިން ގެންދެވުނުގޮތަށް އަތޮޅުތެރޭގައި ސަރުކާރުން އޮޕަރޭޓްކުރާ ފެރީގެ ފަޅުވެރިންގެ ޙަވާލުގައި އެއްރަށުން އަނެއްރަށް ރައްޔިތުން ފޮނުވަމުންދިޔަ ޢާއްމު ދިރި އުޅުމަށް ބޭނުންވާ ތަކެއްޗާއި، ފޮށިގަނޑު އަދި ހަދިޔާކޮތަޅުފަދަ ތަކަތި މިހާރު ނުގެންދެވޭ މައްސަލައެވެ. މީގެ އިތުރުން އަތޮޅުގެ ރަށްރަށުގެ ތެރެއިން ދިއްގަރު، މަޑުއްވަރި، އަދި ރަތްމަންދޫ އަދި ކޮޅުފުށިން ފެރީން މުއްޔަށްއަސް އަނބުރާ ރަށަށް ދެވޭގޮތަށް ފެރީ ދަތުރުކުރަނީ ހަފުތާއަކު އެންމެ ދެ ދުވަހުކަމެވެ. ދިއްގަރު، މަޑުއްވަރި، އަދި ރަތްމަންދޫ އަށް ފެރީން މުއްޔަށް އަސިސް އަނބުރާ ދެވެން އޮންނަ އެއްދުވަހަކީ ހޮނިހިރުކަމަށްވުމުން އެ ދުވަހު ބޭންކުގެ ޚިދުމަތްވެސް ނުލިބޭކަން ފާހަގަކުރިއެވެ. ހުރިހާ ރަށެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުރިން ގެންދެވުނުގޮތަށް ފެރީން އެއްރަށުން އަނެއްރަށަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތިވެސް އެތަކެއްޗާ ޙަވާލުވާނެ މީހަކު ނެތް ޙާލަތުގައި ފެރީގެ ފަސިންޖަރުންގެ ޙަވާލުގައި ނުފޮނުވޭ މައްސަލައެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން އެމް.ޓީ.ސީ.ސީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަލްފާޟިލް އާދަމް ޢާޒިމް ވިދާޅުވި އޭނާ މަޤާމާ ޙަވާލުވެވަޑައިގަތުމަށް ފަހު ފެރީން މުދާ ގެނެސް ގެންދިއުމަށް  ވަކި އެހެން އުޞޫލެއް ހައްދަވާފައިނުވާކަމަށާއި، ޒޯން ހަތަރަކަށް އެމް.ޓީ.ސީ.ސީން ފެރީގެ ޚިދުމަތް ދެއްވަން ފެއްޓެވީ 2019 ވަނަ އަހަރުގެ މެދުތެރެއިން ކަމަށާއި، މުދާ ފޮނުވާއިރު އެއްފަހަރަކު  އެމް.ޓީ.ސީ.ސީ ފެރީގެ ފަޅުވެރިޔަކުން ޙަވާލުވި ދާގީނާއެއްގައި މަސްތުވާ ތަކެތި ހުރުމުން އެކަމުގައި އެ ފަޅުވެރިޔާއަށް އެތަކެއް ތަކުލީފެއް އުފުއްލަން ޖެހުނުކަމަށާއި، ވުމާއެކު ފަޅުވެރިން އެ ފަދަ ބޮޑެތި ހިރާސް ނެގުމަށް ދޫކޮށްނުލެވޭނެކަމަށާއި، އަދި އެމް.ޓީ.ސީ.ސީގެ ފެރީތަކަކީ މަސްތުވާ ތަކެތި އުފުލާ އުޅަންދުފަހަރަށް ހައްދަވަން ބޭނުންފުޅުނުވާކަމަށެވެ.

ނަމަވެސް ޕޯސްޓް އޮފީސް ނޫނީ އެހެން ފަރާތެއް މެދުވެރިގެންވިޔަސް ފެރީއަށް އަރުވާމުދާ ޗެކްކުރެވި ވަކި ޚާއްޞަ އިންތިޒާމެއްގެ ތެރެއިން މުދާ ގެންދެވޭނެ ނިޒާމެއް ޓްރާންސްޕޯޓް މިނިސްޓްރީއާ މަޝްވަރާކުރެއްވުމަށް ފަހު ހަމަޖެއްސޭތޯ ބެއްލެވިދާނެކަމަށެވެ. ނަމަވެސް ހިލަޔާ، ހިލަވެއްޔާ ސިމެންތި ފަދަ ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ފެރީއިން ނުގެންދެވޭނެ ކަމަށާއި، ސަބަބަކީ މިއީ ފަސިންޖަރުން އުފުލުމަށް ޚާއްޞަ ފެރީއަކަށް ވުމެވެ.

ބައްދަލުވުން ނިންމާލީ އެމް.ޓީ.ސީ.ސީއިން ޓްރާންސްޕޯޓް މިނިސްޓްރީއާ މަޝްވަރާކުރެއްވުމަށް ފެރީއިން އަތޮޅުގެ އެއްރަށުން އަނެއް ރަށަށް ގެންދެވޭނެ ގޮތްތަކެއް ބެއްލެވުމަށްފަހު އެކަން އެމް.ޓީ.ސީ.ސީއިން ލިޔުމުން މި ކައުންސިލާ ޚިއްޞާކުރެއްވުމަށް ދެންނެވުމަށް ފަހުގައެވެ.