ވަގުތީ ގޮތުން މެދުކަނޑާލެވިފައިވާ މ. އަތޮޅުތެރޭގެ އެމް.ޓީ.ސީ.ސީ ދޯނި ފެރީގެ ޚިދުމަތް އަލުންފަށަނީ!

މ. ކޮޅުފުށީ ބައެއްމީހުން ކޮވިޑް19 އަށް ފައްސިވުމާގުޅިގެން މެދުކަނޑާލެވިފައިވާ މ. އަތޮޅުތެރޭގައި ސަރުކާރުން އޮޕަރޭޓްކުރައްވަމުންގެންދެވި އެމް.ޓީ.ސީ.ސީ ފެރީގެ ޚިދުމަތް  2021 ފެބުރުއަރީ 11 ވާ ބުރާސްފަތި ދުވަހު ފެށުމައް ހަމަޖެހިއްޖެއެވެ. މ. އަތޮޅު ތެރޭގެ ފެރީގެ ދަތުރުތައް އަލުން ފެށުމަށް ނިންމީ މިކަމާގުޅޭގޮތުން މި ކައުންސިލާއި، މި އަތޮޅުގެ ރަށު ކައުންސިލްތަކާއި، މ. އަތޮޅުގައި އެމް.ޓީ.ސީ.ސީ ފެރީގެ ޚިދުމަތާ ގުޅިގެން ހުންނަވާ އެންމެ އިސްފަރާތާ އެކު 2021 ފެބްރުއަރީ 07 ވަނަ ދުވަހު ބޭއްވުނު އޮންލައިން މީޓިންގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހުއެވެ. ފެރީ ދަތުރުތައް އަލުން ފެށުމަށް ނިންމުނީ މ. ކޮޅުފުށިން ކޮވިޑް19 އަށް ފައްސިވި ފާރާތްތަކާ އެއްތާވި އަތޮޅުގެ އެހެން ރަށްރަށުގެ ފަރާތްތައް ދެނެގަނެވި، އެފަރާތްތައް ކަރަންޓީންކުރެވި، ނެގުނު ސުންކުތަކުގެ ނަތީޖާ ނައްސިވުމާއި، ފެރީގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލުމުން އަތޮޅުގެ ރައްޔިތުންނަށް ދިމާވި ދަތިތައް ޙައްލުކޮށް ދިނުމުގެ ގޮތުންނެވެ.

މ. ކޮޅުފުށި އަދިވެސް މޮނިޓަރިންގެ ޙާލަތުގައި އޮތުމުން ފެރީ ދަތުރުކުރާނީ ކޮންމެ ހަފުތާއަކުވެސް ހޯމަ، ބުރާސްފަތި އަދި ހޮނިހިރު މި ތިން ދުވަހު ކޮޅުފުށިފިޔަވައި އަތޮޅުގެ އަނެއް 07 ރަށްކަމުގައިވާ ދިއްގަރު، މަޑުއްވަރި، ރަތްމަންދޫ، ވޭވަށް، މުލަށް، މުލި އަދި ނާލާފުށްޓަށެވެ.