ކޮވިޑްގެ މިޙާލަތުގައި މ. މުލީ ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތް ދިނުމަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން އަތޮޅު ކައުންސިލުން ހޮސްޕިޓަލާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި!

މ. މުލީ ރީޖަނަލް ހޮސްޕިޓަލުން ކޮވިޑްގެ މިޙާލަތުގައި ޚިދުމަތް ދިނުމަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން  މަޝްވަރާކުރުމަށް އަތޮޅު ކައުންސިލުން ހޮސްޕިޓަލާއެކު މިއަދު 10:00 އިން 12:35 އަށް ބައްދަލުވުމެއް ބާއްވައިފިއެވެ. މ. މުލީ ރީޖަނަލް ހޮސްޕިޓަލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މި ބައްދަލުވުމުގައި މުލަކަތޮޅު އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލް އަޙްމަދު ޙަސަންގެ އިތުރުން އަތޮޅު ކައުންސިލްގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު ނިޔާޒާއި، ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޒާހިރާއި، އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.  މ. މުލީ ރީޖަނަލް ހޮސްޕިޓަލްގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ މެނޭޖަރ ހެލްތް ސަރވިސަސް އަލްފާޟިލް އަޙްމަދު ނާފިޒާއި، ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ ސާދާތު ޔޫސުފާއި، ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ މުޙައްމަދު ރަޝީދުގެ އިތުރުން  ހޮސްޕިޓަލްގެ އެކި ސެކްޝަންތަކުގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މ. މުލީ ރީޖަނަލް ހޮސްޕިޓަލުން ނަގާ ކޮވިޑް ސުންކުތައް މާލެ ފޮނުވުމުގައި ދިމާވާ ދަތިތަކާ ، ސްޕެޝަލިސްޓު ޑޮކްޓަރުން ޗުއްޓީއަށް ދާ ދުވަސްތަކުގައި ރިޕްލޭސްމަންޓަށް ސްޕެޝަލިސްޓުން ހޯދުމުގައި ދިމާވާ ދަތިތަކާއި، އަދި ހޮސްޕިޓަލާއި، އަތޮޅުކައުންސިލް ގުޅިގެން މިފަދަ ކަންކަމުގައި މިހާރަށްވުރެ ކައިރިން މަޢުލޫމާތު ޚިއްޞާކޮށް، ހޮސްޕިޓަލުން ބޭނުންވާ ކަންކަމުގައި އަތޮޅުކައުންސިލަށް ދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުންނެވެ.

ދެ ގަޑިއިރަށްވުރެ ދިގުދެމިގެން ދިޔަ މަޝްވަރާތަކުގައި  މ. އަތޮޅުގައި އެއަރޕޯޓެއް ނެތުމުން ސުންކުތައް މާލެ ފޮނުވެންއޮތް ހަމައެކަނި ވަޞީލަތަކީ ކަނޑުމަގުން އަތޮޅުތެރޭގައި ދަތުރުކުރާ ފެރީތަކުންކަން ފާހަގަކުރެވުނެވެ. އަދި ބައެއްފަހަރު މި ފެރީތަކުގެ ދަތުރު ކެންސަލްވުމާ ގުޅިގެން 10 ދުވަސްހަމަވާ ދުވަހު ސުންކު ނުނެގޭ ޙާލަތު ދިމާވާކަމަށާއި، އެކަން އެގޮތަށް ދިމާވަނީ ސުންކު ނެގުމަށްފަހު ގިނަވެގެން ބެހެއްޓެނީ 48 ގަޑީއިރުކަމަށް ވާތީ ކަމުގައި ހޮސްޕިޓަލްގެ ބޭފުޅުން މަޢުލޫމާތުދެއްވިއެވެ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަޙްމަދު ޙަސަން ދެއްކެވި ވާހަކަފުޅުގައި އަތޮޅުކައުންސިލްގެ ކަންބޮޑުވުމަކީ 10 ދުވަސް ހަމަވުމަށްފަހު ކަރަންޓީނުގައި އިތުރު ދުވަސްތަކެއް ރައްޔިތުން ހޭދަކުރަންޖެހުމުން އެ މީހުން އެތައް ޚަރަދެއް ކޮޓަރީ ކުއްޔަށް ކުރަންޖެހުމާއި، އަދި އިތުރު ދުވަސްތަކަކު ތަކުލީފުތަކެއް އުފުލަންޖެހޭތީކަން ފާހަގަކުރެއްވިއެވެ. ވުމާއެކު މ. އަތޮޅުގެ ރިޒޯޓެއް ކަމުގައިވާ ސިނަމަން ހަކުރާ ކްލަބަށް ޖައްސާ ޓީ.އެމް.އޭގެ ކަޑައްޖައްސާ ބޯޓްފަހަރުގައި ސުންކުތައް ޤަވާޢިދުން މާލެ ފޮނުވޭގޮތެއް ވޭތޯ ބެލުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި ވާހަކަދައްކަވާނެ ކަމަށް ވިދާޅުވިއެވެ. އަޙްމަދު ނާފިޒުގެ ވާހަކަފުޅުގައި ހޮސްޕިޓަލުންވެސް ސިނަމަން ހަކުރާ ކްލަބަށް ޖައްސާ ޓީ.އެމް.އޭގެ ކަޑައްޖައްސާ ބޯޓްފަހަރުން ސުންކުތައް ޤަވާޢިދުން ގެންދެވޭތޯ މަސައްކަތްތަކެއް ކުރެއްވާފައިވާކަމަށާއި، އެ ގޮތުން ދެ ތިން ފަހަރަކު މިހާރުވެސް ސުންކުތައް އެ ގޮތަށް މާލެ ފޮނުވާފައިވާކަމަށް ވިދާޅުވިއެވެ. އަދި ލިޔުކިޔުމުން އެކަން ހަމަޖެހިގެން މެނުވީ ދާއިމީ ގޮތެއްގައި އެކަން ކުރެވޭން ގޮތެއް ނެތްކަން ފާހަގަކުރެއްވިއެވެ. އަދި އަތޮޅުތެރެއިން މާލެ ދަތުރުކުރާ އެހެން އަތޮޅުގެ އުޅަދުދަހަރުންވެސް ސުންކްތައް މާލެ ފޮނުވާފައިވާނެކަމަށް ވިދާޅުވިއެވެ. އަދި މ. އަތޮޅު ސީއެންބިއުލާންސް އެކްސިޑެންޓްވެ ޙަލާކުވުމުން ވަރަށް ގިނަ ގޮންޖެހުންތައް ކަންކަމުގައި ދިމާވާކަމަށް ވިދާޅުވިއެވެ. އަދި ކޮވިޑްގުޅިގެން ލ. އަތޮޅަށް ފޮނުވަން ޖެހުނު ހައިރިސްކް 8 ބަލިމީހުން ލ. އަތޮޅަށް ފޮނުވުމަށް ފާއިތުވެދިޔަ ދެތިންދުވަހު ކުރެއްވި ބުރަމަސައްކަތްޕުޅު ހިއްސާކުރެއްވިއެވެ. މީގެ އިތުރުން އޭނާގެ ވާހަކަފުޅުގައި ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޗުއްޓީ ހިފެހެއްޓުމަކީ ކުރައްވާ ހިތްޕުޅުވާކަމެއްނޫންކަމަށާ، އެ ގޮތަށް ކަންތައް ކުރެއްވުމުން ޑޮކްޓަރުންގެ މަސައްކަތުގެ ޝަޢުޤުވެރިކަމަށް ބަދަލު އައުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށާއި، އެކަމުގެ އަސަރު ފޯރާނީވެސް ޚިދުމަތް ހޯއްދުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައި ވިދާޅުވިއެވެ. ވުމާއެކު މަސް ދުވަސް ކުރިން ރިޕްލޭސްމަންޓަށް ޑޮކްޓަރުން ހޯއްދެވުމަށް ވަރަށް ގިނަ އަދި ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާކަމުގައި ވިދާޅުވިއެވެ.  ކައުންސިލްގެ ނާއިބު ރައީސް އަޙްމަދު ޙަސަންގެ ވާހަކަފުޅުގައި ރިޕްލޭސްމަންޓަށް ޑޮކްޓަރުން ހޯއްދެވުމަށް އަތޮޅު ކައުންސިލުންވެސް ކަމާގުޅޭ ފަރާތްތަކާ ގުޅުއްވައިގެން މަސައްކަތްޕުޅު ކުރައްވާނެކަމުގައި ވިދާޅުވިއެވެ. އަދި ސާމްޕަލްތައް ފަސޭހައިން މާލެ ފޮނުވޭނެގޮތެއް ހޯދުމަށްވެސް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ކައުންސިލްގެ އެކްޓިން ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނިޔާޒު ދެއްކެވި ވާހަކަފުޅުގައި މިހާރަށްވުރެ ބޮޑަށް ކަންކަމުގައި އަތޮޅުކައުންސިލާ، ހޮސްޕިޓަލުން މަޢުލޫމާތު ބަދަލުކުރުން ހަރުދަނާކޮށް، ދެފަރާތުން ކަންކަން ޚިއްޞާކޮށް އެކުގައި މަސައްކަތްކުރުން މުޙިއްމުކަމުގައި ވިދާޅުވިއެވެ. މިއަދު ބައްދަވުލުވުން ނިންމާލީ ކުރިއަށްއޮތްތަނުގައި މިފަދަ އިތުރު ބައްދަލުވުންތައް ދެ މުއައްސަސާގެ ދެމެދުގައި ބޭއްވުމަށް އެއްބަސްވުމަށް ފަހުގައެވެ.