މުލަކަތޮޅުގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ޤާބިލުކަން އިތުރުކުރުމަށް ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ނިންމާލެވިއްޖެ!

އިބްރާހީމް ޒާހިރު – ކައުންސިލް އެގްޒެކެޓިވް (އެޓޯލް ސަޕޯޓް ސާރވިސް)

 

މުލަކަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންގެ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ކާމިޔާބުކަމާއެކު މިހިނގާ އޮކްޓޫބަރު 21 ވަނަ ދުވަހު މ. މުލީގައި ކުރިއަށް ގެންދެވިއްޖެއެވެ. މި ޕްރޮގްރާމުގެ އަމާޒަކީ އަތޮޅުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމެވެ.

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްގެ މާހިރުންގެ އެހީތެރިކަމާއެކު ހިންގުނު މި ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހިންގާ ގަވާއިދުގެ މުހިންމު ބައިތައް ތަފްސީލުކޮށް ކިޔައިދެވުނެވެ. އަދި މާލީ ކަންކަން ބެލެހެއްޓުމާއި، މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތަކާއި، ކޮމެޓީތަކުގެ މަސްއޫލިއްޔަތުތަކާއި ޕްލޭންތައް އެކުލަވާލާނެ ގޮތްތަކުގެ މަޢުލޫމާތު ފޯރުކޮށްދެވުނެވެ.

މި ތަމްރީން ޕްރޮގްރާމުގައި މުލަކަތޮޅުގެ ކޮންމެ ރަށަކުން ރަށު ކައުންސިލްގެ ރައީސް، ކައުންސިލްގެ އަންހެން މެންބަރެއް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުރުން އެހެނިހެން މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޕްރޮގްރާމް ފައްޓަވައިދެއްވަމުން މ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލް ވިދާޅުވެފައިވަނީ، މިފަދަ ތަމްރީން ޕްރޮގްރާމްތަކުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެދުގައި އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާކުރުން ކަމުގައެވެ. މީގެ އިތުރުން، މިފަދަ ޕްރޮގްރާމްތަކަކީ މަސައްކަތުގައި ދިމާވާ ގޮންޖެހުންތަކާއި ހާސިލުކުރެވޭ ކާމިޔާބީތައް އަތޮޅުގެ އެހެނިހެން ކޮމެޓީތަކާ ހިއްސާކުރުމަށާއި، އެފަރާތްތަކުގެ މެދުގައި ދެމެހެއްޓެނިވި ގުޅުމެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ވަސީލަތެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ މުލަކަތޮޅުގެ ރަށު އަދި އަތޮޅު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެދުގައި އެއްބާރުލުން އިތުރުކޮށް، އެ މުއައްސަސާތަކުގެ މަސައްކަތްތައް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ދެކެމެވެ. މި ޕްރޮގްރާމުގެ ސަބަބުން، ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަލުވިވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

އަދި މީގެ އިތުރުން، އަންހެނުންގެ ބައިވެރިވުން އިތުރުވެ، ޖެންޑަރ މެއިންސްޓްރީމިންގ އާއި ހަމަހަމަކަން ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ޤަބޫލުކުރެވެއެވެ. މި ފަދަ ތަމްރީނު ޕްރޮގްރާމްތަކަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ފާހަގަކުރަމެވެ.