މ. އަތޮޅުގެ އެސް.ޓީ.އޯ. ގެ ފާމަސީތަކުން ރައްޔިތުން ބޭނުންވާ ބޭސްލިބުމަށް ދަތިތަކެއްހުރީތީ އެކަމާ ބެހޭގޮތުން މުލީ ރީޖަނަލް ހޮސްޕިޓލުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި!

ކޮވިޑްގެ މިޙާލަތުގައި މ. އަތޮޅު އެސް.ޓީ.އޯ. ގެ ފާމަސީތަކުން ރައްޔިތުން ބޭނުންވާ ބޭސްލިބުމަށް ދަތިތަކެއް ހުރީތީ އެކަމާ ބެހޭގޮތުން މަޝްވަރާކުރުމަށް މ. މުލީ ރީޖަނަލް ހޮސްޕިޓަލުން އިސްނަގައިގެން މ. އަތޮޅު ކައުންސިލާ، މުލީ ކައުންސިލާ، މުލީ އެސް. ޓީ. އޯ ފާމަސީ އާއި އެކު މިއަދު 13:00 އިން 14:35 އަށް ބައްދަލުވުމެއް ބާއްވައިފިއެވެ.

މ. މުލީ ރީޖަނަލް ހޮސްޕިޓަލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މި ބައްދަލުވުމުގައި މުލަކަތޮޅު އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލް އަޙްމަދު ޙަސަންގެ އިތުރުން މ. އަތޮޅު ކައުންސިލްގެ މެމްބަރ އަލްފާޟިލް އަމްޖަދު ޙަސަން އާއި އެކްޓިންގ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު ނިޔާޒު ބައިވެރިވެވަޑައިގެންނެވިއެވެ.

މ. މުލީ ރީޖަނަލް ހޮސްޕިޓަލްގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ މެނޭޖަރ ހެލްތް ސަރވިސަސް އަލްފާޟިލް އަޙްމަދު ނާފިޒާއި، ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ ސާދާތު ޔޫސުފާއި، މުލީ އެސް ޓީ އޯ ފާމަސީގެ ފަރާތުން މެނޭޖަރ މުޙައްމަދު މުސްތަފާއާއި އަދި ފާމަސިސްޓް ސުލްތާނާ ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޑޮކްޓަރުން ލިޔެދެއްވާ ބޭސްތަށް ރައްޔިތުންނަށް ލިބިދިނުމަށް އެސް.ޓީ.އޯ. ފާމަސީ އަށް ހުރިގޮންޖެހުންތަކާއި އެކަންކަން ޙައްލު ކުރެވޭނެ  ގޮތްތަކާ ބެހޭ ގޮތުންނެވެ. ބައްދަލުވުން ނިންމާލީ މިކަންކަމާ ގުޅޭގޮތުން އެސް. ޓީ. އޯ. ގެ މެނޭޖްމެންޓާ މަޝްވަރާ ކުރުމަށް ނިންމުމަށް ފަހުގައެވެ.