ވޭވަށް

ރަށުގެ އަބާދީ (އަންހެން ފިރިހެން)

01 .  ފިރިހެނުން.  189

02 .  އަންހެނުން  128

ޘަޤާފަތާއި ތަރިކަ

01 . މ.ވޭވަށުގައި ޘަޤާފީ ތަރިކައިގެ ގޮތުގައި ހިރިގަލުން ހަދާފައިވާ ގިނަ އަހަރުތަކެއް ވެފައިވާ މިސްކިތަކާއި، ގިނަ އަހަރުތަކެއް ވެފައިވާ ނިކަގަހެއް ސަރުކާރުން ވަނީ ހިމާޔަތް ކުރައްވާފައެވެ.

ވޭވަށުގައި ހުރި ހުކުރު މިސްކިތަކީ ރަށުގެ ދުވަސްވީ މީހުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި 450 އަހަރަށް ވުރެ ގިނަދުވަސް ވެފައިވާ ހިރިގަލުން ފަތޮޅުކަނޑާ ހަދާފައިވާ މިސްކިތެކެވެ. ނަމަވެސް މިސްކިތް ބެހެއްޓިތާ އަހަރުތަކެއް ފަހުން މިސްކިތުގެ ޖާގައިގެ ދަތިކަން ހުރިގޮތުން މިސްކިތުގެ ގިބުލަ ނޫން އަނެއް ތިންފަރާތުގައި ތެޅިގަލުން ރަނާފައިވާ ފަސްފޫޓު ފުޅާމިނުގެ  ފެންޑާއެއް ހުރެއެވެ. މިސްކިތުގެ އިންފާރު ތެރޭގައި ނަމާދު ވަގުތުބެލެވޭ ގޮތަށް ހިރިގަލުން ހަދާފައިވާ ގަލެއް އޮވެއެވެ. މިސްކިތުގެ އިންފާރު ތެރޭގައި ހިރިގަލުން ހަދާފައިވާ ދެ ވަޅު ހުރެއެވެ. އެއްވަޅަކީ މިސްކިތައް އަންނަ މީހުން ވުޟޫކުރުމަށާއި ، ފެންވަރުމެއް ހުންނަވަޅެކެވެ. އަނެއް ވަޅަކީ  ރަށު މީހުން ބޯފެން ނެގުމަށް ބޭނުން ކުރި ވަޅެކެވެ. ވާރޭ ފެން ނެގޭ ގޮތަށް ތާނގީތައް ހަދާ ރައްޔިތުންނަށް ބޯފެން ލިބެންދެން ރަށު މީހުން ބޯން ފެން ނަގަމުން އައީ މިސްކިތު ވަޅުންނެވެ.މި ދެންނެދި ވަޅުގެ ފެން ވަރަށް މީރެވެ. 26 ޑިސެމްބަރ 2004 ގައި ސުނާމީ އެރި ދުވަހު ރަށުގެ ވަޅުތަކުގެ ފެން ލޮނުވި ދުވަހުވެސް މިސްކިތު ބޯފެންނަގާ ވަޅުގެ ފެނަކަށް ބަދަލެއް ނާދެއެވެ. ނަމަވެސް 26 ޑިސެމްބަރ 2004 ސުނާމީ ކާރިސާ އާއި ގުޅިގެން މިސްކިތުގައި ވުޟޫކުރުމާއި، ފެންވަރާ ހެދުމަށް ބޭނުން ކުރަމުން ދިޔަ ވަޅުވަނީ ހަލާކުވެފައެވެ. އަދި އެވަޅުގެ ބަދަލުގައި މިހާރު ބޭނުންކުރަނީ ރާނަފައިވާ ވަޅެކެވެ.

މި ހުކުރު މިސްކިތާއި ބެހޭގޮތުން ހުރި ޒަމާންވީ ލިޔުންތަކެއް ހުރުމާއި އެކު އެ ލިޔުންތައް ފޮނުއްވަވައި ދެއްވުމަށް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައިމީ މަރުކަޒުން އެދި ވަޑައިގެންނެވުމުން 1990 ގެ އަހަރު ތަކުގެ ތެރޭގައި އެލިޔުންތައްވަނީ  އެމަރުކަޒަށް ފޮނުއްވާފައި ވެއެވެ.

02 . ރަށުގެ ހުކުރު މިސްކިތައްދާ މަގުގައި (މަގުގެ އަތްފޮޅުގައި) ވަރަށް ގިނަ އަހަރުތަކެއް ވެފައިވާ ބޮޑު ނިކަގަހެއް ހުރެއެވެ. އިހުގު ދުވަސްވީ މީހުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ނިކަގަހަށް ސަތޭކަ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާނެ ކަމުގެ  މަޢުލޫމާތު ލިބިފައި ވެއެވެ. އެ ނިކަގަސް ހުންނަނީ ދުވަސްވެފައިވާ ގަހެއްގެ ގޮތުގައި މިހާރު ސަރުކާރުން ހިމާޔަތް ކޮށްފައިވާ ގަހެއްގެ ގޮތުގައެވެ.

ރަށާއި ބެހޭ މުހިއްމު މަޢުލޫމާތު.

މުލަކަތޮޅު ވޭވަށަކީ ޖޯގުރަފީގެ ގޮތުންބަލާ އިރު މެދުރާއްޖެ ތެރޭގައި އޮންނަ މުކަލަތޮޅު އިރުމަތިފަރާތައް ވާގޮތަށް އަތޮޅުގެ މެދުތެރޭގައި އޮންނަ ރަށެކެވެ. މި ރަށަކީ ވަރަށް ބޮޑު ފަޅެއްގެ ތެރޭގައި އޮންނަ ރަށެކެވެ. ރަށުގެ ބޮޑުމިނަކީ 45 ހެކްޓަރެވެ.

ވޭވަށު މީހުން ދިރިއުޅުމަށް އާމްދަނީ ހޯދުމުގެ ގޮތުން ކުރާ މައިގަނޑު މަސައްކަތަކި މަސްވެރިކަމާއި ފަން ވިނުމުގެ މަސައްކަތެވެ. އަދި ރަށުގެ ވަކި ސަރަހައްދެއް ސިނާއީ މަސައްކަތް ކުރާ ސަރަހައްދެއްގެ ގޮތުގައި ހަމަޖައްސާ އެ ސަރަހައްދުގައި ކަނޑުމަސް ކައްކާ ހިތްކުމުގެ މަސައްކަތާއި ލޮނުމަސް ތައްޔާރު ކުރުމުގެ މަސައްކަތް ކުރެއެވެ.

ވޭވަށުގެ ކިއްސަރު ވަޑާމުގެ މަސައްކަތް ކުރާމާ މީހުންނަކީ ފައިބަރުން ބޮޑެތި ދޯނި ފަހަރުން ފެށިގެން ތަފާތު އެކިވަރުގެ އުޅަނދު ފަހަރު ހެދުމުގައި މަޝްހޫރު ވަޑިން ތިބި ރަށެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން މިހާރުވެސް މަސްވެރިކަން ކުރާވަރުގެ ބޮޑެތި ދޯނިފަހަރާއި، ތަފާތު އެކިވަރުގެ ލޯންޗް، އަދި އެކިވަރުގެ ޑިންގީ ބަނުމުގެ މަސައްކަތް ކުރެއެވެ. ބޭރު ރަށްރަށުގެ މީހުންގެ ދޯނިފަހަރު ހެދުމުގެ މަސައްކަތްވެސް ކުރަމުން ދެއެވެ. އެގޮތުން މިހާރުވެސް މަސްވެރިކަން ކުރުމަށް ތިން ދޯނި ބަނުމުގެ މަސައްކަތް ކުރަމުން ދެއެވެ.

ރަށުގެ ޚާއްޞަ ސިފަތައް

ވޭވަށަކީ މީގެ ސާޅީހަކަށް އަހަރު ކުރިން ޘަޤާފީ ތަފާތު ކުޅިވަރުތައް ކުޅޭ ރަށެކެވެ. އެ ގޮތުން މަންގަލަން ދަނޑި ޖެހުން ،ދަފިނެގުން،ތާރަ ޖެހުން، ބޮޑުބެރު ޖެހުން، މާލި ހެދުން، ފަތިގަނޑު ޖެހުން އަދި ބޮޑުމަސް ނެރުން ފަދަ ކުޅިވަރުތައް ކުޅެއެވެ. މިދެންނެވި ކުޅިވަރުތައް ކުޅުމުގައި ވޭވަށަކީ އަތޮޅު ފެންވަރުގައި ވަރަށް މަޝްހޫރު ބައެއް ދިރި އުޅޭ ރަށެއްގެ ގޮތުގައި އެ އިރުވަނީ ފާހަގަ ކުރައްވާފައެވެ. އެ ގޮތުން މުލަކަ ތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ކޮންމެ ރަށަކަށް ޚާއްޞަ ސިފައެއް ދެވިފައި ވެއެވެ.  އެގޮތުން ވޭވަށަކީ ހިމަޅެންވެރިން ތިބި ރަށެއްގެ ގޮތުގައި ވަނީ ސިފަކުރައްވާ ފައެވެ. ނަމަވެސް ޒަމާނަށް އައި ބަދަލުތަކާއި އެކު މިދެންނެވި ކުޅިވަރުތަކުގެ ތެރެއިން މިހާރު ކުޅެނީ މަދު ކުޅިވަރެކެވެ.

ތަޢުލީމީ ދާއިރާ

ވޭވަށުގައި ސުކޫލަކާއި ޕްރީ ސުކޫލެއް ހުރެއެވެ. ސުކޫލުގައި ކިޔަވައި ދެނީ ގުރޭޑް 6 ގެ ފެންވަރަށެވެ.  ދަރިވަރުންގެ ޢަދަދަކީ 36 ކެވެ. ޕްރީ ސުކޫލުގައި ކިޔަވައި ދަރިވަރުންގެ ޢަދަދަކީ 11 އެވެ. ވޭވަށު ސުކޫލުގެ ގުރޭޑް 6 ނިންމާ ދަރިވަރުން އިތުރަށް ތަޢުލީމް ޙާޞިލްކުރުމަށް ދަނީ އަތޮޅުގެ ބައެއް ރަށްރަށުގެ ސުކޫލްތަކަށާއި މާލޭގެ ސުކޫލް ތަކަށެވެ.

ވޭވަށު ސުކޫލުގައި ޕްރިންޕަލަކާއި 2 ފިރިހެން ޓީޗަރުންނާއި، 6 އަންހެން ޓީޗަރުން ތިއްބަވައެވެ.

ސިއްޙީ ދާއިރާ

ވޭވަށުގައި ސިއްޙީ މަރުކަޒެއް ހުރެއެވެ. އެތަނުގައި ޑޮކްޓަރަކާއި ދެ ނަރުހުންނާއި އިތުރު 6 މުވައްޒަފުން ތިބެއެވެ.  ސިއްޙީ މަރުކަޒުން ދެވޭ ޚިދުމަތަކީ ބަލި މީހުން ޑޮކްޓަރަށް ދެއްކުމާއި، ބަލި މީހުން އެޑްމިޓްކުރުމާއި ޒަހަމްވާތަންތަން ފެހުމާއި ޒަހަމްވެފައިވާ ތަންތަނުގައި ބޭސް އެޅުން ފަދަ  އާދައިގެ ޚިދުމަތްތަކެވެ. މިޢިމާރާތުގެ ގޯތި ތެރޭގައި އެސްޓީއޯގެ ބޭސްފިހާރަ އެއް ހުރެއެވެ.

އުމްރާނީ ތަރައްޤީ

ޢުމްރާނީ ތަރައްޤީ އަށް ބަލާއިރު ރަށުގައި މީހުން ދިރި އުޅޭ ހުރިހާ ގެއެއް ވަނީ ރަނާޓިނުން ހިޔާކޮށް ސީލިންގ ކޮށް ރަގަނޅު ފެންވަރަކަށް ހަދާފައެވެ. ވަރަށް މަދު ގެއެއް ނޫނީ ކޮޓަރީތަކުގައި ވަނީ ފަޚާނާ ބަހައްޓާފައެވެ.

ރަށުގައި ޢާއްމު ރައްޔިތުންނަށް ޚިދުމަތްދޭ ހުރި ތަންތަނަށް ބަލާއިރު ކައުންސިލް އިދާރާއި، ރަށުގެ މެޖިސްޓްރޭޓް ކޯޓް ހުންނަނީ އެއް ޢިމާރާތެއްގައެވެ. ނަމާދު ކުރުމަށް ދެ މިސްކިތް ހުރެއެވެ. އެއީ ގިނަ އަހަރު ތަކެއް ވެފައިވާ ކުޑަ މިސްކިތެއް އަޘާރީ ތަނެއްގެ ގޮތުގައި ބަހައްޓާފައި ވެއެވެ. ދެވަނަ މިސްކިތަކީ ރަށުގައި ހުރި ހުކުރު ކުރާ މިސްކިތެވެ. އެމިސްކިތައް އެއް ފަހަރާ ދުއިސައްތަ އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެއެވެ. ރަށުގައި ސުކޫލަކާއި އިންޖީނު ގެއަކާއިފެނަކަ ބުރާންޗެއް ހުރެއެވެ. އަދި ރަށުގެ ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތާއި އައު އިންޖީނުގެއެއް ޢިމާރާތް ކުރުމުގެ މަސައްކަތް މިދުވަސްވަރު ކުރަމުން ދެއެވެ. އަދި ޒުވާނުން މުނި ފޫހި ފިލުވުމަށް ތަފާތު ހަރަކާތްތައް ހިންގެވުމަށް ކުޅިވަރުއް ކުޅުމަށް ޚާއްޞަ ކުރެވިފައިވާ ބިމުގައި އުމްރާނީ ގޮތުން ތަފާތު ތަންތަން ހެދުމުގެ މަސައްކަތްތައް ކުރެވެމުން ދެއެވެ. އެގޮތުން ކުޅިވަރު ކުޅުމަށް ސުޓޭޖު ހެދުން، ވޮލީކޯޓް ޒަމާނީ ފެންވަރަށް ހެދުން،ފުޓްބޯޅަ ދަނޑުގައި ބޯޅަ ގެއެއް ޢިމާރާތް ކުރުމާއި އަދި އައުޓްޑޯ ޖިމްއެއް ވެސް ހުރެއެވެ.