މ. އަތޮޅު ފުޓުބޯޅަ މުބާތާތުގެ ޗެމްޕިއަންކަން މުލަކު އެކުވެރި ކުލަބުން ހޯދައިފި

ޒޯން ފަހެއްގެ މ. އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން މުލަކު އެކުވެރި ކުލަބުން ހޯދައިފި އެވެ. މުލަކު އެކުވެރި ކުލަބުން މިމުބާރާތުގެ ޗެންޕިއަންކަން ހޯދީ 20 ޑިސެމްބަރ 2014 ވީ ހޮނިހިރު ދުވަހު ހަވީރު މުލީ ރަސްމީ ބޯޅަދަނޑުގައި އޮތް ފައިނަލު މެޗުގައި މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ އާ ވާދަކޮށް 1-0 އިން މޮޅު ވެގެންނެވެ.

މިމުބާރާތަކީ 29 ޑިސެމްބަރ 2014 އިން 19 ޑިސެމްބަރ 2014 އަށް ފެއް. އޭ. އެމް އާއި މ. އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. ނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން މިމުބާރާތް ފެށިފައިވަނީ 30 ޑިސެންބަރ 2014 ވަނަ ދުވަހުގެއެވެ.

މިމުބާރާތުގައި ޖުމްލަ 9 ޓީމް ބައިވެރިވެފައިވެއެވެ. ބައިވެރިވެފައިވާ ޓީމްތަކަކީ: މުލަކު އެކުވެރި ކްލަބް، މުލަކު އެކުވެރި ޒުވާނުންގެ ޖަމްޢިއްޔާ، މުލީ ސްޕޯރޓްސް ކްލަބް، މުލީ އެކުވެރިންގެ ދިރުން، ވޭވަށު އެކުވެރިންގެ ގުޅުން، ރަތްމަންދޫ ޒުވާނުންގެ ޖަމްޢިއްޔާ، މަޑުއްވަރީ ޒުވާންޖީލް، ކޮޅުފުށީ ޒުވާނުންގެ ޖަމްޢިއްޔާ އަދި ނާލާފުށީ ޔޫތް ޑިވެލޮޕްމަންޓް އެސޯސިއޭޝަންއެވެ.

މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި ޓީމްތައް 2 ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުންވެސް 1 ވަނަ އަދި 2 ވަނަ އަށްދާ 2 ޓީމް ސެމީއަށް ދާގޮތަށެވެ. ގްރޫޕް 1 ގައި ހިމެނޭ 5 ޓީމަކީ މަޑުއްވަރީ ޒުވާންޖީލު، ކޮޅުފުށީ ޒުވާނުންގެ ޖަމްޢިއްޔާ، މުލީ އެކުވެރިންގެ ދިރުން، ވޭވަށު އެކުވެރިންގެ ގުޅުން އަދި މުލަކު އެކުވެރި ކުލަބެވެ.

ގްރޫޕް 2 ގައި ހިމެނޭ ޓީމްތަކަކީ މުލަކު އެކުވެރި ޒުވާނުންގެ ޖަމްޢިއްޔާ، ނާލާފުށީ ޔޫތު ޑިވެލޮޕްމަންޓް އެސޯސިއޭޝަން، ރަތްމަންދޫ ޒުވާނުންގެ ޖަމްޢިއްޔާ އަދި މުލީ ސްޕޯރޓްސް ކްލަބެވެ. ގްރޫޕް 1 ގެ އެއްވަނަ ޓީމަކަށް ހޮވިފައިވަނީ މުލަކު އެކުވެރި ކުލަބެވެ. އަދި 2 ވަނައަށް ގޮސްފައިވަނީ ކޮޅުފުށީ ޒުވާނުންގެ ޖަމްޢިއްޔާއެވެ. ގްރޫޕް 2 ގެ އެއްވަނަ ލިބިފައިވަނީ މުލަކު އެކުވެރި ޒުނާނުންގެ ޖަމްޢިއްޔާއަށެވެ. އަދި ދެވަނައަށް ގޮސްފައިވަނީ ނާލާފުށީ ޔޫތު ޑިވެލޮޕްމަންޓް އެސޯސިއޭޝަން އެވެ. ސެމީގެ ފުރަތަމަ މެޗްގައި 17 ޑިސެމްބަރ 2014 ވަނަ ދުވަހު މުލަކު އެކުވެރި ކްލަބް އަދި ނާލާފުށި ޔޫތު ޑިވެލޮޕްމަންޓް އެސޯސިއޭޝަން ބައްދަލުކުރި މެޗް 90 މިނިޓް ހަމަވިއިރު 0-0 ދެޓީމް އެއްވަރު ވުމުން ޕެނެލްޓީ ޖަހައިގެން 3-2 އިން ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަޖާގަ ކަށަވަރު ކޮށްފައިވަނީ މުލަކު އެކުވެރި ޒުވާނުންގެ ޖަމްޢިއްޔާއިންނެވެ. އަދި 18 ޑިސެމްބަރ 2014 ވަނަ ދުވަހު ކުޅެވުނު ސެމީ ފައިނަލް 2 ވަނަ މެޗްގައި ބައްދަލުކޮށްފައިވަނީ މުލަކު އެކުވެރި ޒުވާނުންގެ ޖަމްޢިއްޔާއާއި ކޮޅުފުށީ ޒުވާނުންގެ ޖަމްޢިއްޔާއެވެ. މިމެޗް ފުރިހަމަ ވަޤުތު ހަމަވިއިރު 0-0 އިން އެއްވަރުވުމުން ޕެނެލްޓީ ޖަހައިގެން 4-2 އިން މެޗް ކާމިޔާބުކޮށް ފައިނަލްގެ ފަހުޖާގަ ހޯދީ މުލަކު އެކުވެރި ކުލަބުންނެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅެވުނު ފޯރިގަދަ ފައިނަލްމެޗްގައި ބައްދަލުކޮށްފައިވަނީ މުލަކު އެކުވެރި ކުލަބާއި މުލަކު އެކުވެރި ޒުވާނުންގެ ޖަމްޢިއްޔާއެވެ. މިމެޗް 1-0 އިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މުލަކު އެކުވެރި ކުލަބެވެ. މިމެޗްގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ 37 ވަނަ މިނިޓްގައި މުލަކު އެކުވެރި ކުލަބަށް ކާއިމޔާބު ކޮށްދީފައިވަނީ އެޓީމްގެ ޖޯޒީނަންބަރ 12 ނަޒީރު އާދަމް އެވެ. މިމެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ މުލަކު އެކުވެރި ކުލަބުގެ ޖޯޒީނަންބަރ 1 ޙުސައިން ނަދީފެވެ.

މުބާރާތުގެ ރަނަރަޕް ޓީމަން މެޑަލްއާއި ހަނދާނީ ލިޔުން ބައްސަވައިދެއްވީ ދައުލަތަށް ގިނަދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ފަރާތެއްކަމުގައި އަލްފާޟިލާ ނަސީމާ މުޙައްމަދު ކަލޭފާނެވެ. އަދި މުބާރާތުގެ ޗެމްޕިއަންޓީމަށް އެފް. އޭ. އެމް އިން ދެއްވާ މެޑަލް އާއި، އެފް. އޭ. އެމް އަދި މ. އަތޮޅު ކައުންސިލުން ދެއްވާ ވާދައިގެ ތައްޓާއި 15،000.00ރ ހަވާލުކޮށްދެއްވާފައިވަނީ މ. އަތޮޅު ކައުންސިލްގެ ރައީސް އަދި މެޗްގެ ޝަރަފުވެރި މެހްމާން އަލްފާޟިލް މޫސާ ނަޞީރެވެ.

މުބާރާތުގެ އެންމެމޮޅު ގޯލްކީޕަރ: ޙުސައިން ނަދީފް – މުލަކު އެކުވެރި ކުލަބު

ޗެމްޕިއަން ޓީމް: މުލަކު އެކުވެރި ކުލަބް

ރަނަރަޕް ޓީމް: މުލަކު އެކުވެރި ޒުވާނުންގެ ޖަމްޢިއްޔާ

މުޅި މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާ: މުލަކު އެކުވެރި ކުލަބުގެ ޖޯޒީނަންބަރ: 07 ޙުސައިން ނިޒާމް

ފެއަރ ޕްލޭ ޓީމް: ނާލާފުށީ ޔޫތު ޑިވެލޮޕްމަންޓް އެސޯސިއޭޝަން

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން:

  1. ޙުސައިން ނިޒާމް – މުލަކު އެކުވެރި ކުލަބު
  2. އަޙުމަދު ނާސިޙް – މުލަކު އެކުވެރި ކުލަބު
  3. ސައުދުﷲ ކަމާލު – މުލަކު އެކުވެރި ޒުވާނުންގެ ޖަމްޢިއްޔާ
  4. ޝަޒީމް ޙަސަން – ވޭވަށު އެކުވެރިންގެ ގުޅުން
  5. ޢަބުދުލް ވާހިދު – ކޮޅުފުށީ ޒުވާނުންގެ ޖަމްޢިއްޔާ