Naalaafushi
ތަޢާރަފް

މިރަށަކީ މިއަތޮޅުގެ ވެރިކަންކުރާ ރަށާއި ޖެހިގެން ދެކުނުން އޮތް މާޅަވެލި ކިޔާ ފަޅުރަށެއްގެ ދެކުނުން އަތޮޅުގެ އިރުމަތީ ބިތުގައި އޮންނަ ރަށެކެވެ. މިރަށުގެ އާބާދީގައި ހިމެނެނީ 247 އަންހެނުންނާއި، 268 ފިރިހެނުންނާއެކު ޖުމްލަ 515 މީހުންނެވެ. މިރަށުގެ ބޮޑުމިނުގައި ގާތްގަނޑަކަށް 8 ހެކްޓަރ ހުރެއެވެ. ރަށުން ޖުމްލަ ދޫކުރެވިފައިވަނީ 97 ގޯއްޗެވެ. މިގޯތިތަކުގެ ތެރެއިން މީހުން ދިރިއުޅެނީ 79 ގޯތީގައެވެ.

ރަށުގެ ގިނަމީހުން ޢާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި މަސްވެރިކަން، ފަންގިވިނުން، ރޯނުވެށުން، ތެދުއި ވަޑާމާއި ކިއްސަރުވަޑާން، ފައިބަރގްލާސްގެ މަސައްކަތް އަދި ފަތުރުވެރިކަމުގެ ދާއިރާގައިވެސް ރަށުގެ ގިނަ ޒުވާނުން މަސައްކަތް ކުރެއެވެ.

ތަޢުލީމީ ދާޢިރާ 

ސްކޫލްގައި ކިޔަވައިދެނީ ގްރޭޑް 5 އާހަމައަށެވެ. ގްރޭޑް 6 އިން ފެށިގެން މަތީ ގްރޭޑްތަކުގެ ދަރިވަރުން ކިޔަވަމުން ގެންދަނީ މ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ތަޢުލީމީ މަރުކަޒަށް ދަރިވަރުން ކިޔަވަންދަނީ ސަރުކާރުން ހަމަޖައްސާފައިވާ ފެރީ ދޯންޏެއްގައެވެ. މިރަށު ސްކޫލްގައި ކިޔަވަމުން ގެންދަނީ 34 ދަރިވަރުންނެވެ. (އަންހެން 21 ފިރިހެން 13) އަދި ރަށުންބޭރު ސްކޫލްތަކުގައި 45 ކުދިން ކިޔަވަމުން ގެންދެއެވެ. މުދައްރިސުންގެ ގޮތުގައި 8 ޓީޗަރުން ތިއްބަވައެވެ. އަދި އިދާރީ މަސައްކަތް ކުރުމަށް ޕްރިންސިޕަލަކާއި، އެޑްމިނިސްޓްރެޓިވް އޮފިސަރަކާއި 2 މަސައްކަތު މީހުން ތިއްބަވައެވެ.

ޞިއްޙީ ދާޢިރާ

ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި މިރަށުގައި ޞިއްޙީ މަރުކަޒެއް ހުރެއެވެ. މިމަރުކަޒުން ރަސްމީ ދުވަސްތަކު 7 ގަޑިއިރު ޚިދުމަތް ލިބެންހުރެއެވެ. ކޮންމެ ހޮނިހިރު ދުވަހަކު 2 ގަޑިއިރު ޚިދުމަތް ލިބެންހުރެއެވެ. މިމަރުކަޒުގައި ޑޮކްޓަރަކާއި ، ނަރުހަކާއި، ކޮމިއުނިޓީ ހެލްތް އޮފިސަރަކާއި، 2 ޢާއިލާގެ ޞިއްޙީ އެހީތެރިން ތިބެއެވެ. އިދާރީ މުވައްޒަފުންގެ ގޮތުގައި އެޑްމިނިސްޓްރޭޓިވް އޮފިސަރަކާއި މަސައްކަތު މީހެއް ހުރެއެވެ.

ކަރަންޓްގެ ޙާލަތު

މިރަށުގައި ކަރަންޓްގެ ޚިދުމަތް ދެމުން ގެންދަނީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުންނެވެ. 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ލިބެން ހުރެއެވެ.

NaalaafuCouncil IdhaaraaMosque

 

 

އިތުރު މަޢުލޫމާތު